ދުނިޔެ

އޮކްސިޖަން ލީކެއްވެ، އިންޑިއާގައި ކޮވިޑް-19 ޖެހިފައިތިބި 22 މީހަކު މަރުވެއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިންޑިއާގައި އޮކްސިޖަން ލީކެއްވެ، އޮކްސިޖަން ނުލިބިގެން ކޮވިޑް-19 ޖެހިގެން އެދުމަތި ކޮށްފައިވާ 22 މީހަކު މަރުވެއްޖެއެވެ.

Ads by Sosun Fihaara

މިކަން ހިނގާފައި ވަނީ އިންޑިއާގެ މަހަރާޝްތުރައިގެ ސިޓީއެއް ކަމަށްވާ ނާސިކްގައި ހުންނަ ޒާކިރު ހުސެއިން ހޮސްޕިޓަލުގައެވެ. މިކަން ހިނގިގޮތް ތަޙްޤީޤް ކުރަމުން އަންނައިރު، މަރުވެފައި ވަނީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދިޔަ ބައެކެވެ.

"30 މިނެޓް ވަންދެން އޮކްސިޖަން ނުލިބި އޮތް ވެންޓިލޭޓަރުތަކުގައި ތިބި މީހުންނަށް. އެމީހުން މަރުވީ އޮކްސިޖަން ނުލިބިގެން." އެ ހޮސްޕިޓަލުން ވާހަކަ ދެއްކި ޑޮކްޓަރަކު ބީބީސީއަށް ބުނެފައިވެއެވެ.

މަރުވި 22 މީހުންގެ އާއިލާއިން ދަނީ އޮކްސިޖަން ސިލިންޑަރުތަކުން ލީކްވި ގޮތް ތަޙްޤީޤް ކުރުމަށް ގޮވާލަމުންނެވެ. އަދި މިކަމުގައި އިހްމާލެއް އޮތްނަމަ ފިޔަވަޅު އަޅައިދިނުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

އެ ފަރާތްތަކުން ބުނަމުން ދަނީ އޮކްސިޖަން ލިބެމުން ދިޔައިރު، ބަލި މީހުންގެ ހާލު ރަނގަޅު ކަމަށާއި މިހެންކަމުން އޮކްސިޖަން ހުއްޓުނީ އިހްމާލުން ކަމުގައިވާނަމަ، އެފަރާތްތަކުގެ މަރުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

އިންޑިއާގައި ކޮވިޑް-19 ވަރަށް ހަލުވި ކަމާއެކު ފެތުރެމުން އަންނައިރު، ގިނަ ހޮސްޕިޓަލްތަކުން އެނދުތައް ވަނީ ހުސްވެފައެވެ. އަދި އޮކްސިޖަން ހުސްވެ، ގިނަ ހޮސްޕިޓަލްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ. އިންޑިއާގައި މިހާތަނަށް 182,570 މީހަކު މަރުވެފައިވާއިރު، އިއްޔެ އެކަނި ވެސް 2،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!