ދުނިޔެ

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 5 ހާހަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިންޑިއާގައި ކޮވިޝީލްޑް ވެކްސިނުގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި 5014 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗްއިން ވަނީ އެޤައުމުގައި ވެކްސިން ދިން މީހުންގެ ތަފާސްހިސާބު އާއްމު ކޮށްފައެވެ. މި ތަފާސްހިސާބަށް ބަލާލާއިރު، އިންޑިއާގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް، 10,03,02,745 މީހުންނަށް ވަނީ ދީފައެވެ. އަދި ފުރަތަމަ ޑޯޒް ދިން މީހުންގެ ތެރެއިން 17,145 (ވެކްސިން ދިން މީހުންގެ 0،02 އިންސައްތަ) މީހުންނަށް ކޮވިޑް-19 ވަނީ ޖެހިފައެވެ. އަދި މިވެކްސިންނުގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި 1,57,32,754 މީހުންގެ ތެރެއިން 5,014 މީހަކަށް ބަލި ޖެހިފައިވާއިރު، މިއީ ވެކްސިން ޖެހި މީހުންގެ 0.03 އިންސައްތައެވެ.

ކޮވިޑް-19އާ ދެކޮޅަށް ތައްޔާރުކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން ކޮވިޝީލްޑަކީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީ އާއި ބޭސް އުފައްދާ މައި ކުންފުންޏެއް ކަމަށްވާ އަސްޓްރަޒެނެކާގެ ފޯމިއުލާއަށް އިންޑިއާގެ ސެރަމް އިންސްޓިއުޓްއިން އުފައްދަމުން އަންނަ ވެކްސިނެކެވެ.

އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗް އިން މިއަދު ބުނެފައިވަނީ، ކޮވިޑް-19 ވެކްސިން ޖެހުމަށް ފަހުގައި ކޮވިޑް-19 ޖެހުނު ކަމުގައި ވީނަމަވެސް ވެކްސިން ޖެހުމަށް ފަހު ކޮވިޑް-19 ޖެހޭ މީހުންގެ ހާލު ސީރިޔަސް ނުވާ ކަމަށެވެ. އަދި ގިނަ މީހުންނަށް ވެކްސިން ޖެހުމަށް ފަހު ދިމާވަނީ އާދައިގެ ރޯގާގެ އަލާމާތްތައް ކަމަށް ވެސް އެފަރާތުން ހާމަކުރެއެވެ.

އިންޑިއާގައި ކޮވިޑް-19ގެ ދެވަނަ ރާޅެއް ވަނީ އަރާފައެވެ. އެއާއެކު އެޤައުމުގައި ކޮވިޑް-19 ވެކްސިން ދޭ މީހުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!