ބަރުަލަމާނީއަށް ތަޢީދު ކުރެއްވީ އެމްޑީޕީގެ 23 މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލީސް މެންބަރުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާޢީދު ކުރައްވަނީ 23 މެންބަރުންކަން ހާމަވެއްޖެއެވެ.
މަޖިލީހުގެ ރައީސް އިސްވެ ހުންނަވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕްގައި ނެގުނު ޚިޔާލު ހޯދުމުގެ ވޯޓްގައި ބަރުލަމާނީ ނިޒާމަށް ވޯޓް ދެއްވައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން އެންމެ 23 މެންބަރުންނެވެ.
ރިޔާސީ ނިޒާމު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން އަންގަވައިފައެވެ. އޭގެ ޖަވާބުގައި މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަނޑައަޅާފައިވާ ނިޒާމަކަށް ވާތީ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ ވިދާޅުވެފައެވެ.