ކޮވިޑަށް ފައްސިވާ މީހުން ގިނަވެ، ދިއްލީ ހޮސްޕިޓަލުތަކުން އޮކްސިޖަން ލިބުމަށް އެދި އާދޭސް ކުރަނީ
އިންޑިއާގެ ނިއު ދިއްލީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާއެކު، ހޮސްޕިޓަލުތަކުން އޮކްސިޖަން ހުސްވާތީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ދިއްލީގެ ހޮސްޕިޓަލުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ހޮސްޕިޓަލު ކަމަށްވާ ރާޖީވް ގާންދީ ސުޕަ ސްޕެޝަލިޓީ ހޮސްޕިޓަލުން ވެސް ގިނައިރުތަކެއް ނުވެ އޮކްސިޖެން ހުސްވަމުން ދާތީ، އެ ހޮސްޕިޓަލަށް ވެސް އިތުރަށް އޮކްސިޖަން ލިބޭނެ ގޮތް އިންތިޒާމު ކޮށްދެއްވުމަށް ދަނީ އެދެމުންނެވެ. އެ ހޮސްޕިޓަލުން ބުނެފައި ވަނީ އެތައް ސަތޭކަ ބަޔަކު މިބައްޔަށް ފައްސިވަމުން ދިޔުމާ ގުޅިގެން، އޮކްސިޖަން ބޭނުންވާ މިންވަރު ވެސް އިތުރުވެ ހުސްވާ މިންވަރު ވެސް އަވަސް ކަމަށެވެ.
ދިއްލީއަކީ އެންމެ ގިނަ އަދަދަކަށް އޮކްސިޖެން ލިބޭ ސިޓީ ކަމުގައި ވިޔަސް، އެތަނުގައި ހުރި ގިނަ ހޮސްޕިޓަލުތަކުން އޮކްސިޖެން ހުސްވެފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އެގޮތުން ދިއްލީ ގައި ހުންނަ އެހެން ހޮސްޕިޓަލެއް ކަމަށްވާ މާތާ ޗަނަން ދޭވީ ހޮސްޕިޓަލަށް މިއަދު ހެނދުނު އޮކްސިޖެންގެ އައު ސްޓޮކެއް ގެނައި ނަމަވެސް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ އޮކްސިޖެން ވަނީ ހުސްވެފައި ކަމަށެވެ. އެ ހޮސްޕިޓަލުގައި މިހާރު ވެސް 200 އެއްހާ ކޮވިޑް ބަލިމީހުން ފަރުވާ ހޯދަން އެޑްމިޓު ކޮށްފައިވާއިރު، އެ މީހުންނަށް އޮކްސިޖަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.
"އަހަރުމެންނަށް މިއަދު ހެނދުނު ލިބުނީ 21 އޮކްސިޖަން ސިލިންޑަރުގެ ދެ ބެޗު. އެޑްމިޓު ކޮށްފައި އެބަތިބި 200އަށް ވުރެ ގިނަ ކޮވިޑް ބަލި މީހުން. އެ އެންމެންނަށް ވެސް ވަރަށް އަވަސް އަވަހަށް އޮކްސިޖަން ދޭންޖެހޭ. އެހެންވެ ވަރަށް އަވަހަށް ހުސްވޭ" މާތާ ޗަނަން ހޮސްޕިޓަލުގެ ހެޑް އައިސީޔޫ ޑރ. އޭސީ ޝުކްލާ ބުނެފައިވެއެވެ.
ދިއްލީގައި ހުންނަ އެހެން ހޮސްޕިޓަލެއް ކަމަށްވާ ސަރޯޖް ހޮސްޕިޓަލަށް ދުވާލެއްގެ މައްޗަށް 2،700 ކިޔުބިކް މީޓަރުގެ އޮކްސިޖަން ބޭނުންވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެތަނުގައި 130 ކޮވިޑް ބަލިމީހުން މިވަގުތު ތިބިއިރު، އޮކްސިޖަން އެއްކޮށް ހުސްވާން ބާކީ އޮތީ ދެ ގަޑި އިރު ކަމަށް ވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އިންޑިއާ ސަރުކާރުން ދަނީ، ހުއްޓުމެއް ނެތި އެ ހޮސްޕިޓަލުތަކުގެ އޮކްސިޖަން ސިލިންޑަރުތަކަށް ރީ-ފިލް ކޮށްދެވޭ ތޯ މަސައްކަތް ކުރަމުންނެވެ.