ޚަބަރު

އާދީއްތައިން ފެށިގެން އިތުރު ކެޓަގަރީތަކުގެ ގުރުއަތުލުން ބާއްވަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހިޔާ ފްލެޓްތަކުގެ ޤުރުއަތުލުން މި މަހުގެ 25 ވާ އާދީއްތަ ދުވަހު އަލުން ފަށާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއީ "ހިޔާ މަޝްރޫޢު" ގެ ދަށުން 6720 ފްލެޓް ލިބިފައިވާ ފަރާތްތަކަށް ލިބެނީ ކޮން ފްލެޓް ޔުނިޓްތަކެއްތޯ ކަނޑައެޅުމަށް ބާއްވާ ޤުރުއަތުލުމެކެވެ.

އެ ފްލެޓުތަކުގެ ގުރުއަތުލުން މެދުކެނޑުމަށްފަހު އަލުން ފެށުމަށް ނިންމާފައިވާއިރު، ގުރުއަތުލުން ފުރަތަމަ ފަށާފައި ވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ އެޗް-10 ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީން ފްލެޓް ލިބުނު 188 ފަރާތަކުގެ މެދުގައި ގުރުއަތުލުން ބާއްވާފައެވެ.

އަންނަ އާދީއްތަ ދުވަހު ޤުރުއަތުލުމަށް ކަނޑައަޅާފައިވާ ކެޓެގަރީތައް:

  •  އެޗް-4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޙާއްޞަ ކެޓަގަރީ)
  •  އެޗް-5 (ޓީޗަރުންނަށް ޙާއްޞަ ކެޓަގަރީ)
  • އެޗް-6 (އެކަނިވެރި މައިންނާއި މައިންބަފައިންނަށް ޙާއްޞަ ކެޓަގަރީ)
  •  އެޗް-7 (18 އަހަރާއި 40 އަހަރާއި ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޙާއްޞަ ކެޓަގަރީ)
  •  އެޗް-8 (މާލޭ ރައްވެހިންނަށް ޙާއްޞަ ކެޓަގަރީ)
  •  އެޗް-9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޙާއްޞަ ކެޓަގަރީ)
  •  ސިވިލް ސަރވިސް މުވައްޒަފުންނަށް ޙާއްޞަ (ފަންނީ، އިދާރީ، ސަޕޯރޓްގެ ކެޓަގަރީ)

މި ކެޓަގަރީތަކުގެ އިތުރުން، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ފައިސާ ނުދެއްކިގެން ހިޔާ މަޝްރޫޢުގެ ފުލެޓު ޚިޔާރު ކޮށްފައިވާ ފަރާތްތަކާއި، ގުޅިފަޅުން ފްލެޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލެޓް ޚިޔާރުކޮށްފައިވާ ފަރާތްތަކުގެ ޤުރުއަތުލުން ވެސް އެދުވަހު ކުރިއަށްދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!