އުމުރުން 3 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އުމުރުން 3 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައިގައި ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ނެރުނު ވިދާޅުވީ ތިން އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައިގައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 20:55 ގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ހުށަހެޅުމާ ގުޅިގެން ކުއްޖާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކައިފައިވާ ކަމަށާއި ކުއްޖާއަށް ނަފްސާނީގޮތުން އަސަރުކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަށް ވެސް ދައްކައި، ސައިކޮލޮޖިކަލް ރިޕޯރޓާއި މައްސަލައާ ގުޅިގެން ހަދަން ޖެހޭ ރިޕޯރޓްތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި މިމައްސަލަ އަކީ ސީރިއަސް މައްސަލައަކަށްވާތީ، ތަހުގީގަށް ބޭނުންވާ ހެއްކާއި، ޤަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާ ކަމަށާއި މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއް ނެތި އަޅަމުންދާނެކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.