ދެން ރެސިޕީ: ޗީޒީ ޓޫނާ ހޮޓް ޑޯގް
މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ އެއްޗެކެވެ. އާންމުކޮށް ގިނަ މީހުން ހޮޓް ޑޯގް ހަދާއިރު ސޮސެޖް ބޭނުން ކުރެއެވެ. އެމީހަކަށް ކަމުދާ ބާވަތެއްގެ މަހެއް ބޭނުން ކޮށްލެވޭނެއެވެ.
ބޭނުންވާ ތަކެތި: (10) މީހުންނަށް ކެވޭ ވަރަށް
10 ހޮޓް ޑޯގް ބަން
1 ހިކަނދި ފަތް (ހިމުންކޮށް ކޮށާފައި)
1 މިރުސް (ކުޅިމިން ބޭނުންވާވަރަށް ކޮށާފައި)
2 ފިޔާ
ޗީޒް (ބޭނުންވާ މިންވަރަކަށް)
ލޮނު، އަސޭމިރުސް
1 މަސްދަޅު
1 ސަމްސާ ޓޮމާޓޯ ޕޭސްޓް
1 ސަމްސާ އޮއިސްޓަރ ސޯސް، ޗިލީ ސޯސް، ސޮޔާ ސޯސް
ތައްޔާރު ކޮށްލާނެ ގޮތް:
ތަވާ އުނދުން މައްޗަށް އުނދާފައި ހޫނުކޮށްލުމަށް ފަހު ތެޔޮފޮދު އަޅާލާށެވެ. ތެޔޮ ހޫނުވީމަ ކޮށާފައިހުރި ފިޔާ، މިރުސް، ހިކަނދިފަތް، ލޮނު އަދި އަސޭމިރުސް އަޅާ މީރު ކޮށްލާށެވެ. ފިޔާ މީރުވުމުން މަސް އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ޓޮމާޓޯ ޕޭސްޓް، އޮއިސްޓަރ ސޯސް، ޗިލީ ސޯސް، އަދި ސޮޔާ ސޯސް އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.
މަސްގަނޑު ތައްޔާރުކޮށް ނިމުމުން ބަނަސްތައް ނަގައި މެދުން ދިގަށް އެއްކޮށް ވަކި ނުވާ ގޮތަށް ފަޅާލާށެވެ. އަދި ފަޅާފައިހުރި ތަނަށް މަސްއަޅާލާށެވެ. އެއަށް ފަހު ރީތިކޮށް ޓްރޭ އެއްގައި އަތުރާލުމަށް ފަހު އޭގެ މައްޗަށް ޗީޒް ކޮޅު އަޅާލާށެވެ. އަދި އަވަނަށް ލައި ކުޑަކޮށް ހޫނު ކޮށްލާށެވެ.