ދީން

ދެވަނަ ފަހަރަށް ބޭނުން ކުރެވޭނެ އެއްޗެހި އުކައި ނުލައި ބޭނުން ކުރުމަށް، އިސްލާމްދީން ބާރުއަޅާ: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަ ކުރައްވާފައި ވަނީ ކާބޯތަކެތީގެ ނިޢުމަތަށް ޝުކުރު ކުރުމާއި އިސްރާފު ނުކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އެގޮތުން ޚުތުބާގައި ވިދާޅުވެފައި ވަނީ އިންސާނުންނަށް މިއަދު ކުރިމަތިވެފައިވާ އިޖުތިމާޢީ ބަލިތަކުގެ ތެރޭގައި، ފާސިޤުކަމާއި އިސްރާފު ކުރުން ހިމެނޭ ކަމަށެވެ. ބައެއްގެ މައްޗަށް ތަނަވަސްކަން އަތުވެއްޖެނަމަ، މިކަންކަމުގެ ދޮރުތައް ހުޅުވިގެން ދާނެ ކަން ޚުތުބާގައި ފާހަގަ ކުރައްވާފައިވެއެވެ.

Ads by MWSC

"މުސްލިމު އަޚުންނޭވެ! ބަޔަކަށް މުއްސަނދިކަން ލިބިއްޖެނަމަ ބޮޑާވެ، ބޭކާރު ގޮތުގައި، މުދާތައް އިސްރާފު ކުރަން ފަށައިފާނެތެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. 'ﷲ އެކަލާނގެ (އެންމެހައި) އަޅުންނަށް ރިޒްޤު ތަނަވަސްކޮށްދެއްވައިފި ނަމަ، ބިމުގައި އެއުރެން ބޮޑާވެ، އަނިޔާވެރިވެގެންފީހެވެ.' މިހެންވެ އިސްރާފު ނުކުރުމަށް އަމުރު ކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ 'އަދި ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ.! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ.' މިފަދައިންނެވެ." އަޅަމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު (ޞޢވ) ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައި މީހުން މެދު މިންވަރެއްގައި ހިފާށެވެ! އޭރުން ލަނޑުދަނޑިއަށް ޙާސިލު ވެވޭނެތެވެ."

ޚުތުބާގައި އިތުރަށް ވިދާޅުވެފައި ވަނީ އިސްރާފު ކުރުމަކީ ކޮންމެ ކަމެއްގައި ވެސް ޙައްދު ފަހަނަ އަޅައި ދިޔުން ކަމަށެވެ، އަދި އެއީ ހަމައެކަނި ކެއުމާއި ބުއިމާ ގުޅިފައިވާ ކަމެއް ނޫން ކަން ވެސް ޚުތުބާގައި ފާހަގަ ކުރައްވާފައިވެއެވެ. އުރެދުންތަކަށް އަރައިގަތުން ގިނަކޮށް، ކުފުރުވުމާއި ހަމައަށް ހިނގައްޖެނަމަ، އެއީ ވެސް އެކަމުގައި އިސްރާފު ކުރުން ކަމުގައި ޚުތުބާގައި ވިދާޅުވެފައިވެއެވެ.

"މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގައި މާނައިގައިވެއެވެ. 'އަދި ހަމަކަށަވަރުން ފިރުޢައުނަކީ، ބިމުގައި ވަރަށް ބޮޑާވެގެން އުޅުނު މީހެކެވެ. އަދި ހަމަކަށަވަރުން އޭނާ ވަނީ (އަނިޔާވެރިކަމާއި ފަސާދަވެރިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިންނެވެ.'"

މީގެއިތުރުން ޚުތުބާގައި ވިދާޅުވެފައިވަނީ، ހެޔޮ ގޮތުގައި ކާބޯތަކެތީގެ ބޭނުން ނުހިފައި، އޭގެ ޙައްޤު އަދާނުކޮށް ގުދަން ކޮށްފައި ބެހެއްޓުމަކީ ވެސް އިސްރާފު ކުރުން ކަމުގައެވެ.

މިއަދުގެ ޚުތުބާގައި ނަސޭޙަތްތެރިވެފައި ވަނީ ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ ކާއެއްޗެހި އުކައި ނުލައި، އެތަކެތި ބޭނުން ކުރުމަށެވެ. އަދި މިއީ އިސްލާމްދީން ވެސް ބާރު އަޅާ ކަމެއް ކަމުގައި ޚުތުބާގައި ބަޔާން ކޮށްފައިވެއެވެ.

ކާބޯތަކެއްޗަކީ، ﷲ ގެ ނިޢުމަތެވެ. މި ތަކެތި އުކާލުމަކީ ނިޢުމަތުގެ ވެރިފަރާތަށް ޝުކުރު ނުކުރުމެވެ. މުދާ ހަލާކު ވަންދެން ބަހައްޓައި، އެތަކެތި އުކާލުމަކީ، އިސްރާފު ކުރުމަށްވުރެ ވެސް ނުބައި ކަމެކެވެ. ލޮބުވެތި ރަސޫލާ (ޞޢވ) ނަމޫނާއަކަށް ބަލަމާ ހިނގާށެވެ. އެއް ދުވަހަކު މަގުމައްޗަށް ވެއްޓިފައި އޮތް ކަދުރެއް ފެނިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. 'މިއީ ފަހަރެއްގައި ޞަދަޤާތެއް ކަމުގައި ވެދާނެތެވެ. ނޫންނަމަ ތިމަންކަލޭގެފާނު މި ކަދުރު ފަރިއްކުޅުއްވީމެހެވެ.'

ޚުތުބާގައި ވިދާޅުވެފައި ވަނީ، އިސްރާފު ކުރުމަކީ ޝާއިޠާނާގެ ޢަމަލެއް ކަމަށެވެ. އެއީ އެކަމުގެ ގެއްލުން ސިއްޙީ ގޮތުންނާއި، މާލީ ގޮތުން ފަރުދުންނާއި މުޖުތަމަޢުއަށް ފޯރާނެ ކަމެއްކަމުގައި ވެސް ޚުތުބާގައި ވިދާޅުވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!