ފައިޒާގެ ފޭކް ވެކްސިންތަކެއް ދައުރުވަނީ
އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒާއިން ކޮވިޑް-19 އާ ދެކޮޅަށް އުފެއްދި ވެކްސިންގެ ފޭކް ވެކްސިންތަކެއް މާކެޓްގައި ދައުރުވަމުން އަންނަ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ،
މިހާތަނަށް ފައިޒާގެ ފޭކް ވެކްސިންތަކެއް މެކްސިކޯއާއި ޕޮލެންޑުން ވަނީ ފެނިފައެވެ. އެކަން އެޤައުމުގެ ސިއްޙީ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިކަން އެނގިފައި ވަނީ ވެކްސިން ފޭކް ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ވެކްސިން ތަހްލީލް ކުރުމުން ކަމަށް ވެސް އެޤައުމުގެ ސިއްޙީ ކަންތަކާ ބެހޭ އިދާރާއިން ހާމަކުރެއެވެ.
މެކްސިކޯގައި ފައިޒާ ވެކްސިންގެ ލޭބަލްގައި ވިއްކަމުން ދަނީ ބަޔަކު ހަދައިފައިވާ ވެކްސިނެކެވެ. އަދި ޕޮލެންޑްގައި ފައިޒާގެ ނަމުގައި ވިއްކަމުން ދަނީ ހަންގަނޑު ރޫ ޖެހުމުން ދުރުކޮށްދޭ ވެކްސިނެއް ކަމަށް ވެއެވެ.
މެކްސިކޯއިން ބުނެފައި ވަނީ މި ފޭކް ވެކްސިން ދިން 80 އިންސައްތަ މީހުން ތަހްލީލު ކުރެވުނު ކަމަށާއި ވެކްސިނުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް މިއީ ކޮވިޑް-19 އިން ދިފާޢުވުމަށް ހަދައިފައިވާ ވެކްސިނެއް ނޫން ކަމުން އެއްވެސް ފައިދާއެއް ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
ޕޮލެންޑްގެ ސިއްހީ މާހިރުން ބުނެފައި ވަނީ މި ފޭކް ވެކްސިންތަކުގެ ސަބަބުން ބައެއް ކުދިކުދި ސައިޑް އިފެކްޓްތައް ދިމާވި ނަމަވެސް މި ފޭކް ވެކްސިނަކީ އޭގެ ޒާތުގައި ރައްކާތެރި އެއްޗެއް ކަމަށެވެ. އަދި ފޭކް ވެކްސިން ދެވުނު މީހުން ދެނެގަނެ، އަލުން ވެކްސިން ދޭން ފަށައިފައިވާ ކަމަށް ވެސް އެ ފަރާތުން ހާމަ ކުރެއެވެ.
މިކަމާ ގުޅިގެން ފައިޒާއިން ބުނީ ވެކްސިނުގެ ސަޕްލައިއަށް ވުރެ ޑިމާންޑު މަތި ވުމުން ފޭކު އުފެއްދުންތައް ފެންނަމުންދާ ކަމަށާއި ސަޕްލައި އިތުރު ކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.