ދުއްވައިފައި ދިޔަ އެމްބިއުލޭންސްއަކުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ވެއްޓިއްޖެ
އިންޑިއާގެ މަދިޔާ ޕްރަދޭޝްގައި ދުއްވާފައި ދިޔަ އެމްބިއުލޭންސްއަކުން ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ވެއްޓޭ ވީޑިއޯއެއް އާންމުވެއްޖެއެވެ.
މި ވީޑިއޯގައި ފެންނަނީ ދުއްވާފައި ދިޔަ އެމްބިއުލޭންސްއެއް ގޯޅި އަޅާލި ވަގުތު އެ އެމްބިއުލޭންސްގެ ތެރެއިން މީހެއްގެ މަރުވެފައިވާ ހަށިގަނޑު ވެއްޓޭ މަންޒަރެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މި އެމްބިއުލޭންސް ދިޔައީ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ހަށިގަނޑުތައް އަންދާލުމަށް އެ ހަށިގަނޑުތައް އެ އެމްބިއުލޭންސްއަށް އަރުވައިގެންނެވެ. އަދި ހަށިގަނޑު އެމްބިއުލޭންސްއިން ވެއްޓުނީ ހޮސްޕިޓަލުގެ ގޭޓު ކައިރިން އަނބުރާލަން އުޅެނިކޮށް ކަމަށް ވެސް މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
މި ހާދިސާގެ މުޅި ވީޑިއޯ މީސްމީޑީއާގައި ދައުރުވާއިރު، މިކަމަކީ އިހުމާލުންވީ ކަމެއް ކަމަށް ބުނެ އެ މީހާގެ އާއިލާއިން ވެސް ވަނީ މުޒާހަރާކޮށް އަޑު އުފުލާފައެވެ.
އިންޑިއާއަށް ކޮވިޑް19ގެ އިތުރު ރާޅެއް އަރައި މުޅި އެ ގައުމު ވަނީ ހާސްކޮށްލައިފައެވެ. ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ލައްކައިން ގުނާ ލެވޭއިރު އެތައް ހާސް ބަޔަކު ދަނީ އެ ބަލީގައި ކޮންމެ ދުވަހަކު މަރު ވަމުންނެވެ.