ކޮވިޑްގެ ހާލަތު ގޯސްވާތީ ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވައިލައްވައިފި

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވަމުން ދާ މިންވަރު އިތުރުވަމުން ދާތީ، ހަރުކަށި ފިޔަވަޅު އެޅުމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އަނެއްކާ ވެސް ގޮވައިލައްވައިފިއެވެ.
ކޮވިޑް ފެތުރޭ މިންވަރު ރާއްޖޭގައި ކޮންޓްރޯލުވެ، އަދަދުތައް ދަށަށް ދިޔުމަށް ފަހު، ފާއިތުވީ ހަފްތާ ތެރޭގައި އަނެއްކާ ވެސް ވަނީ އަދަދުތައް އިތުރުވާން ފަށައިފައެވެ. އެ ގޮތުން އިއްޔެ ވެސް ރާއްޖެއިން މުޅިއަކު 319 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ.
މިކަމާމެދު ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް މިހާރު ފެތުރެމުން މިދާ ކޮވިޑްގެ ހާލަތު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ.
"މި ބަލިމަޑުކަން ކޮންޓްރޯލު ކުރުމަށްޓަކައި ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަން" ރައީސް މައުމޫން ވިދާޅުވިއެވެ.