ޚަބަރު ރައްޔިތުންގެ މަޖިލިސް

އަދީބާއެކު ޑީލު ހެއްދެވިނަމަ ހެއްދެވީ ރައީސް ނަޝީދު: މަވޯޓާ ޝަރީފް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) ގެ ބޮޑު ޚިޔާނާތުގައި ހިމެނޭކަމަށް އަމިއްލަފުޅަށް އެއްބަސްވެ ވަޑައިގެންފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއެކު އެއްވެސް ޑީލެއް ހަދާފައި ނުވާނެ ކަމަށާއި ޑީލެއް ހެދި ނަމަ ހެއްދެވީ އެމްޑީޕީގެ ރައީސް، އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފު) ތުހުމަތު ކުރައްވައިފިއެވެ.

Ads by MWSC

ދެހާސް ދިހަ ވަނަ އަހަރު އަމަލުކުރަން ފެށި ކޯޓުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި އެ ކޯޓަށް އައްޔަނުކުރެވޭ އިތުރު ހަ ފަނޑިޔާރުންނާ އެކު، ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރުގެ ފަހުކޮޅު އެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހާ އެކު ކޯޓުގެ ބެންޗު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކޮށްފައެވެ. އެ އިސްލާހު ހުށަހެޅުއްވީ އޭރު ވެސް މަރަދޫ ދާއިރާގެ މެމްބަރު ކަމުގައި އިންނެވި ޝަރީފެވެ.

އަދީބު ބުނެގެން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފައި ނުވާނެ ކަމަށް މީގެ ކުރިން ވެސް ޝަރީފު ވިދާޅުވިއެވެ. އަދި މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވީ ރައީސް ނަޝީދު ވިދާޅުވެގެން ކަމަށް ވެސް ޝަރީފު އޭރު ވެސް ވިދާޅުވިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ވެސް ޝަރީފު ވަނީ އެ ވާހަކަތައް ތަކުރާރު ކުރައްވާފައެވެ. އެގޮތުން ޝަރީފުގެ ވާހަކަ ފެއްޓެވީ "ބިއްލޫރި ގޭގޭގައި ތިބޭ މީހުން ހެދުން ބާލަން ވާނީ، ބޮކި ނިއްވާފައި،" ކަމަށް ވިދާޅުވެ އެވެ.

"އަޅުގަނޑު އެމްއެމްޕީއާރްސީގެ އަދީބަކާ އެކު ޑީލެއް ނަހަދަން. ވަރަށް ކެރިގެން މި ދަންނަވަނީ، އަޅުގަނޑު މި މަޖިލީހުގައި ދިން ވޯޓެއްދީފައި އޮތީ މަނިކުފާނު އެންގެވި ގޮތެއްގެ މަތިން. ޑީލު ހެއްދެވީ މަނިކުފާނު،" މަޖިލިސް ރައީސަށް އިނގިލި ދިއްކުރައްވައި ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއަދު ތަޅުމުގައި އެވާހަކަތައް ދައްކަވަން ޖެހުނީ، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، ތަޅުމުގައާއި މަޖިލީހުގެ ސައިކޮޓަރީގައި އޭނާއަށް އަމާޒުކޮށް ވަގަށް ގޮވާތީ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!