ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ހިލޭސާބަހަށް ކާ އެއްޗެހި ގެންގޮސްދޭ އާއިލާއެއް، ތައުރީފް އޮހެނީ
އަވަށްޓެރި އިންޑިއާގެ ރައްޔިތުން މިއަދު އެ ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ކޮންމެ ދުވަހަކުމެ އެތައް ބަޔަކު ދުނިޔެއާ ވަކިވެގެންދާއިރު ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު ދަށެއް ނުވެއެވެ. މި ހާސްކަން ބޮޑު ހާލަތުގައި ވެސް އިންޑިއާގެ މި އާއިލާއިން އެ ދައްކަނީ އިންސާނިއްޔަތުގެ ނަމޫނާއެކެވެ.
އަނޫޕަމާ ސިންގް އާއި ނީލިމާ އަދި އެ ދެ ކުދިންގެ މަންމަ ކުންޑަން ދޭވީ ގޭގައި ކާ އެއްޗެހި ކެއްކުމަށް ފަހު ކޮންމެ ދުވަހަކު ވެސް އެ ތަކެތި ބަލި މީހުންނަށް ފޯރު ކޮށްދެއެވެ. އެގޮތުން އަނޫޕަމާ އާއި ދޭވީ ގޭގައި ކެއްކުމުން ނީލިމާ އެ ތަކެތި ތާޒާކަމާއެކު ބަލިމީހުންނަށް ޑެލިވަރީ ކޮށްދެއެވެ.
ބޭރުގެ މީޑިއާތަކާ ވާހަކަ ދައްކަމުން އަނޫޕަމާ ބުނީ އެ އާއިލާގެ މެންބަރަކު ދާދި ފަހުން ކޮވިޑަށް ފައްސިވި ކަމަށާއި އެ ހާލަތުގައި ކަރަންޓީން ވާން ޖެހުމުން ކާ އެއްޗެހި ހޯދަން ދަތިވާ ވަރު އިހްސާސް ކުރެވުނު ކަމަށެވެ. އަދި ހިލޭސާބަހަށް ކާއެއްޗެހި މީހުންނަށް ދިނުމުގެ މަސައްކަތް ފެށި ސަބަބަކީ ވެސް އެއީ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
އެކި ކަންކަމަށް އެމީހުން ރައްކާ ކޮށްފައިވާ ފައިސާ ވެސް އެ މީހުން ބޭނުން ކުރަނީ މި މަސައްކަތަށެވެ. އަދި ބަޔަކަށް އެހީތެރިވެވުމުން މާ އުފާވާ ކަމަށާއި މިއީ ގައުމަށް ކޮށްދެވޭ ޚިދުމަތެއް ކަމުގައި ގަބޫލު ކުރާ ކަމަށް އަނޫޕަމާ އިތުރަށް ބުންޏެވެ.
މި ތިން ކަނބަލުންގެ މަސައްކަތަށް ގިނަ ބަޔަކު ތައުރީފް ކުރާއިރު، ބައެއް ފަރާތްތަކުން ދަނީ މިކަމުން ނަމޫނާ ލިބިގަނެ މިފަދަ ކަންކަން ކުރަން ފަށަމުންނެވެ.