މީހުން ލައިފްސްޓައިލް

43 އަހަރު ވަންދެން ފިރިހެނަކަށް ވެގެން އުޅުނު އަންހެނެއްގެ ވާހަކަ، ދަރިފުޅަށްޓަކައި ވީ ގުރުބާނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިއީ މަޝްހޫރު ބްލޮގަރު ނުސެއިރް ޔާސީން ނުވަތަ މަޝްހޫރު ނަމުންނަމަ "ނަސް ޑެއިލީ" މި ރަމަޟާން މަހު ކޮންމެ ދުވަހަކު ގެނެސްދޭ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. ނަސް ޑެއިލީ ގެނެސްދޭ މިފަދަ ވާހަކަ ތަކަކީ ތަފާތު އިބުރަތްތަކުން ފުރިފައިވާ ވާހަކަ ތަކެކެވެ. މިއީ ވެސް އެފަދަ ވާހަކައެކެވެ.

Ads by STELCO

މިސްރުގެ މި އަންހެން މީހާއަކީ 43 އަހަރު ވަންދެން ފިރިހެނެއްގެ ގޮތުގައި "ފިލައިގެން" އުޅުނު އަންހެނެކެވެ. އޭނާ ފިރިހެނަކަށް ހެދިގެން އުޅެނީ ކީއްވެގެން ކަމާއި އަންހެނެއްގެ ގޮތުގައި ނޫޅެނީ ކީއްވެގެން އެނގުމުން ހައިރާން ވާނެއެވެ.

މި އަންހެން މީހާގެ ނަމަކީ ހައްޖަ ސީސާއެވެ. ސީސާގެ އުމުރަކީ 67 އަހަރެވެ. މީގެ 43 އަހަރު ކުރިން އޭނާއަކީ ފިރިހެނަކަށް ހެދިގެން އުޅުނު މީހެއް ނޫނެވެ. އޭނާ އޭރު އުޅުނީ އުފާވެރި ދިރިއުޅުމެކެވެ. އަލަތު ކައިވެންޏާއެކު ސީސާ އާއި އޭނާގެ ފިރިމީހާ އުޅެމުން ދިޔައީ އުފާވެރިކަމާއެކުގައެވެ. އެ އުފާވެރިކަން ދެގުނަ ވީ އެ ދެމަފިރިންގެ ދިރިއުޅުމަށް މަރުހަބާ ކީ ކުޑަކުޑަ މެހެމާނެއްގެ ސަބަބުންނެވެ. އެ ދެމަފިރިންގެ އަލަތު ދަރިފުޅެވެ.

ސީސާގެ ދިރިއުޅުން އެ ފުށް މިފުށަށް ޖަހައި ވިއްސިވިހާލިވީ، ހަމަ އެންމެ ސަބަބަކާ ހެދިއެވެ. އޭނާގެ ފިރިމީހާ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކީއެވެ. އެހެންކަމުން އޭނާގެ ދަރިފުޅަށް ޓަކައި ސީސާއަށް މަޖުބޫރު ވީ މަސައްކަތުގެ މާހައުލަށް ނުކުތުމަށެވެ. ނަމަވެސް މިސްރުގައި އޭރު އޮންނަ ގަބޫލު ކުރުމަކީ އަންހެނުން ތިބެން ޖެހޭނީ ގޭގައި ދަރިން ބަލަން އެކަނި ކަމަށެވެ. އަންހެނުންނަށް އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

އެހެންކަމުން އޭނާ މަސައްކަތަށް ނުކުންނަށް އުޅުމުން އޭނާގެ އާއިލާ އާއި އެކުވެރިން ވެސް އޭނާ ދޫކޮށް ދިޔައެވެ. އޭނާއަށް ދިނީ ބީރު ކަންފަތެކެވެ. ސީސާއަށް ގޮތް ހުސްވިއެވެ. ހަތަރު އުދަރެސް ފެނު ޖެހުނެވެ. އޭނާގެ އާއިލާއަށް ފައިސާ އާއި އެހީތެރިކަން ފޯރު ކޮށްދޭނެ މަދަދުގާރެއް އޭނާއަށް ކޮންމެހެން ބޭނުންވިއެވެ. އެހެންކަމުން އޭނާގެ ދަރިފުޅަށާއި އާއިލާއަށް ޓަކައި ސީސާ 43 އަހަރު ކުރިން އެ ނިންމުން ނިންމިއެވެ. އެ އާއިލާއަށް ޚިދުމަތް ކުރާނެ ފިިރިހެނަކީ އޭނާ ކަމަށް ކަނޑައެޅިއެވެ.

އޭނާ އިސްތަށިގަނޑު ކޮށާލިއެވެ. ގެންގުޅުނު ހުރިހާ އަންނައުނެއް އުކާލިއެވެ. އަދި ފިރިހެނުން ލާ ކަހަލަ އަންނައުނު ލިއެވެ. އަދި އޭނާގެ އަޑު ވެސް ފިރިހެން އަޑަށް ބަދަލު ކުރިއެވެ. އަދި ބުރަ މަސައްކަތްތަކުގައި މަޝްުއޫލްވެ އުޅެން ފެށިއެވެ. އިމާރާތް ކުރުމާއި މީހުންގެ ބޫޓު ސާފު ކުރުން ފަދަ މަސައްކަތްތައް އޭނާ ކުރިއެވެ. އެހެން ނަމަވެސް އެ ވަޒީފާތަކަކީ މިސްރުގައި އެ ޒަމާނުގައި ހަމައެކަނި ފިރިހެނުންނަށް ޚާއްސަ މަސައްކަތްތަކެކެވެ. އެހެންކަމުން އެ ވަޒީފާތައް ހޯދުމަށް ސީސާއަށް މަޖުބޫރު ވީ ފިރިހެނަކަށް ވުމަށެވެ.

އޭނާ މި ގޮތުގައި، މި މަސައްކަތްތައް ކުރުމުގައި ކޮންމެ ދުވަހަކު ދެމިހުއްޓެވެ. 43 އަހަރު ވަންދެން އޭނާ ފައިސާ އެއްކުރިއެވެ. ހަމަ އެންމެ ސަބަބަކަށް ޓަަކައެވެ. އޭނާގެ ލޯބިވާ ދަރިފުޅަށް ޓަކައެވެ. ސީސާ ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅު ކުޑައިރު އޭނާއާ ދިމާއަށް ގޮވަނީ "ބައްޕާ"އޭ ކިޔާފައެވެ. އޭނާގެ ދަރިފުޅަށް އޭނާއަކީ މަންމަކަން ނޭނގުނީ ސީސާ އަބަދުވެސް "ފިރިހެނެއްގެ ގޮތުގައި" އުޅޭތީއެވެ.

ސީސާއަށް އަބަދަކު އެކަން ސިއްރު ކޮށްގެންނެއް ނޫޅެވުނެވެ. އޭނާއަކީ އަންހެނެއްކަން މީޑިއާގެ ސަމާލުކަމަށް އައިސް މިސްރުގެ ގައުމީ ޓީވީއަށް ވެސް އޭނާގެ ވާހަަކަ އެރިއެެވެ. އަދި މިސްރުގެ ރައީސް ވަނީ އޭނާއަށް "ހިތްވަރުގަދަ މަންމަ"ގެ ލަގަބު އަގު ވަޒަން ކޮށްފައެވެ. ދީފައެވެ. އޭނާގެ ލަގަބަކީ "ދި އައިޑިއަލް ފައިޓިންގ މަދަރ" އެވެ.

މިއީ 43 އަހަރު ވަންދެން ފިރިހެނަކަށް ވެގެން އުޅުނު މީހެއްގެ ވާހަކައެވެ. އޭނާ ފިރިހެނަކަށް ވެގެން އުޅުނީ އޭނާގެ ދަރިފުޅަށް ޓަކައެވެ.

Ads by Allied Insurance
  1. ާައަހުރެން

    ދަރިފުޅުގެ ކާމިޔާބު ހޯދާލިނަމަ ވަރަށް ފުރިހަމަ ވީސް