40 އަހަރު ވަންދެން ހަމައެކަނި ރީނދޫ ކުލައިން ހެދުން އެޅި މީހެއް، ކީއްވެކަން އެނގޭތަ؟
މިއީ ސީރިއާ އަލަޕޯއަށް ނިސްބަތްވާ މީހެއްގެ ވާހަކައެވެ. މި ވާހަކަ ގެނެސްދީފައި ވަނީ މަޝްހޫރު ވްލޮގަރު ނުސެއިރް ޔާސީން (ނަސް ޑެއިލީ)އެވެ. މި މީހާގެ ވާހަކަ ތަފާތު ވަނީ އޭނާ ލައި އުޅޭ އަންނައުނުގެ ސަބަބުންނެވެ. އެގޮތުން، އޭނާ ހަމައެކަނި ރީނދޫ ކުލައިގެ އަންނައުނު ލައިގެން އުޅޭތާ މިހާރު 40 އަހަރު ވެއްޖެއެވެ.
"ޔެލޯ މޭން"ގެ ނަމުން އެ ސިޓީގައި މަޝްހޫރުވެފައިވާ މި މީހާގެ ނަމަކީ އަބޫ ޒަކޫރްއެވެ. އޭނާ އަޅަނީ ރީނދޫ ކުލައިގެ ޓައީއެވެ. އަރަނީ ރީނދޫ ކުލައިގެ ބޫޓަކަށެވެ. އަދި ލަނީ ރީނދޫ ކުލައިގެ ކޯޓެކެވެ. އަދި އޭނާ ލާ ހުރިހާ އަންނައުނަކީ ވެސް ރީނދޫ ކުލައިގެ އަންނައުނު ކަމަށް އޭނާ ބުނެއެވެ. އަދި އޭނާ ގެންގުޅޭ ފޯނަކީ ވެސް ރީނދޫ ކުލައިގެ ފޯނެކެވެ.
ގޭގައި އޭނާ ގެންގުޅޭ ގިނަ ސާމާނަކީ ވެސް ރީނދޫ ކުލައިގެ އެއްޗިއްސެވެ. އޭނާގެ ގަޑިއަކީ ވެސް އޭނާ ގޭތެރޭގައި ލާ ޕިޖާމާ ތަކަކީ ވެސް ރީނދޫ ކުލައިގެ އެއްޗިއްސެވެ. އޭނާ ބުނާ ގޮތުގައި އޭނާ ފިޔަވައި ދުނިޔޭގެ އެހެން އެއްވެސް މީހަކު ހަމައެކަނި ރީނދޫ ކުލައިގެ އަންނައުނެއް ނުލައެވެ.
އެލަޕޯގެ އެންމެންނަށް ވެސް މި "ޔެލޯ މޭން" އެނގެއެވެ. އޭނާ މަގުމަތީގައި ހިނގާފައި ދާއިރު ހުއްޓުވާ އޭނާއާއެކު މީހުން ފޮޓޯ ނަގައި ވެސް ހަދައެވެ. ސުވާލަކީ މި މީހާ ހުސް ރީނދޫކުލައިގެ އަންނައުނު ލަނީ ކީއްވެގެން ބާވައެވެ.
"އަހަރެން ރީނދޫ ކުލަ ލާން ނިންމީ މި ކުލައަކީ އުފަލާއި މަޖަލުގެ ކުލަ ކަމަށް ވާތީ. މި ކުލައިން މީހުންނަށް އުފާވެރި އިހްސާސެއް ކުރުވާނެތީ" އޭނާ ބުންޏެވެ.
އޭނާގެ ސިފައާ އެއްގޮތަށް އެގައުމުގެ ބަޔަކު ވަނީ ސްޓެޗޫއެއް ވެސް ހަދައިފައެވެ. އެމީހުން އެއަށް ކިޔާ ނަމަކީ "ޑޮނާލްޑް ޓްރަމްޕް އޮފް އެލެޕޯ" އެވެ. އަބޫ ޒަކޫރު ބުނާ ގޮތުގައި އޭނާ ވެސް ހުންނަނީ ރީނދޫ ކުލައިގައެވެ. އަދި ޓްރަމްޕް ވެސް ހުންނަނީ ރީނދޫ ކުލައިގައެވެ. ނަމަވެސް ޓްރަމްޕަށް ވުރެ އޭނާ ވަރުގަދަ ވާނެ ކަމަށް އޭނާ ބުނެއެވެ.