ބަލި ކޮންޓްރޯލު ކުރުން އޮތީ ހަމައެކަނި ލޮކްޑައުނުން އެކަންޏެއް ނޫން: ޑރ. ޝާހް
ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ފެތުރެމުންދާ އިރު ބަލި ކޮންޓްރޯލު ކުރުން އޮތީ ހަމައެކަނި ލޮކްޑައުން ކޮށްގެން އެކަންޏެއް ނޫން ކަމަށް ޑރ. ޝާހް ޢަބްދުﷲ މާހިރު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝާހް ވިދާޅުވީ އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ޑރ. ނަޒްލާ މުސްތަފާ ވެސް ވިދާޅުވީ، ލޮކްޑައުނަކުން ބަލި މަދުވާނެ ކަމަށާއި އެކަމަކު އެންމެން ގުޅިގެން މަސައްކަތް ނުކުރާ ނަމަ އަނެއްކާ ވެސް ކޭސްތައް ދާނީ މައްޗަށް ކަމަށެވެ. ޝާހް ވިދާޅުވީ ލޮކްޑައުންކުރުން ނުވަތަ އެހެން ފިޔަވަޅުތައް އެޅުން މުހިންމު ވެއްޖެ ނަމަ ޕޮލިސީ ލެވަލްގައި އެކަން ކުރާނެ ކަމަށެވެ. މީގެ އިތުުރުން ލޮކްޑައުން ކުރުމުން ދިމާވާ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި ހާއްސަކޮށް ސިއްހީ ދާއިރާއަށް ކުރިމަތިވާ މައްސަލަތައް ބޮޑުކަން ވެސް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.
ބަލި މީހުން އެންމެ ގިނަވިއިރު ފިޔަވަޅުތައް ވަރުގަދަ ނުކުރަނީ ކީއްވެތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޝާހް ވިދާޅުވީ މިހާރު ވެސް ހުރީ ފިޔަވަޅުތައް އަޅާފައި ކަމަށާއި އެކަމަކު ފިޔަވަޅު އެޅުމަކީ ހަމައެކަނި ލޮކްޑައުންއަށް ދިއުން ނޫން ކަމަށެވެ.އަދި ބަލިން ރައްކާތެރިވާން ހުރި އެންމެ އަސާސީ ފިޔަވަޅުތަކަށް ތަބާވެ އެ ކަންކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19ގެ އިތުރު ވޭރިއަންޓެއް އުޅޭތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ޝާހް ވިދާޅުވީ ވޭރިއަންޓެއް އުޅޭކަން އެނގުނަސް އެކަމުގައި ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.
"ކޮންމެ ބަޔަކަށް ވެސް މި ހާލަތުގައި އޮތީ ބަލިން ރައްކާތެރިވާން ހުރި ފިޔަވަޅުތަކަށް ތަބާވެ ވެކްސިން ޖެހުން. ވޭރިއަންޓް އުޅޭތޯ ބެލުން ރިސާޗް ބޭނުމަށް ބެލުން އެއީ މުހިންމު ކަމަކަށް ވިޔަސް ވޭރިއަންޓެއް ފެނިގެން ކުރެވޭނެ އިތުރު ކަމެއް ނެތް" ޑރ. ޝާހް ވިދާޅުވިއެވެ.
ވެކްސިން ޓޯކަން ދޫކުރުމާ ގުޅޭގޮތުން ޑރ. ޝާހް ވިދާޅުވީ ވެކްސިންގެ ޓޯކަން ދޫކުރުމަށް ބަދަލު ގެނައީ ރޯދަ މަހު ވަގުތުގެ ތާށިކަން އޮތުމާއި ޓޯކަން ނަގައިފައި ގިނަ ބަޔަކު ވެކްސިން ޖަހަން ނާންނަ މައްސަލަ ވެސް އޮތުމާ އެކު، ވެކްސިން ކޯޑިނޭޝަން ކޮމިޓީން މަޝްވަރާ ކޮށްފައި ކަމަށެވެ. އަދި އެއީ ވެކްސިން ނެތިގެން ގެނައި ބަދަލެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.