އިންޑިއާގެ ކޮވިޑް ހާލަތު ގޯސްވީ އިންތިހާބުތަކާއި ދީނީ ފެސްޓިވަލުތައް ބޭއްވުމުން ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން
އަވައްޓެރި އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، މިހައި ބޮޑަށް މި ބަލި ފެތުރެން ޖެހުނީ އެ ޤައުމުގައި ބޭއްވި ފެސްޓިވަލުތަކުގެ ސަބަބުން ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން އިންޑިއާ ސަރުކާރަށް އަމާޒު ވެއްޖެއެވެ.
އިންތިހާބުތަކާއި ދީނުގެ ނަމުގައި ބޮޑެތި ހަރަކާތްތަކާއި ފެސްޓިވަލުތައް ބޭއްވުމުގެ ސަބަބުން، އިންޑިއާ ސަރުކާރަށް ވަނީ ވަރަށް ގިނަ ފާޑުކިޔުންތަކާއި ކުރިމަތި ވެފައެވެ. އަދި މި ބަލިމަޑުކަމުގެ ހާލަތު ސަރުކާރަށް ކޮންޓްރޯލު ކުރަން ނޭނގޭ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ، ނުރުހުން ފާޅުކުރަން ފަށާފައިވެއެވެ.
ނަމަވެސް އެ ޤައުމުގެ ހެލްތު މިނިސްޓަރު ހަރްޝް ވަރްދަން، ސަރުކާރު ދިފާޢު ކުރަމުން އިއްޔެ ބުނީ އިންޑިއާގައި މި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދަކީ މުޅި ދުނިޔެއިން ވެސް އެންމެ މަދުން މީހުން މަރުވާ އަދަދު ކަމަށެވެ، އަދި އެ ޤައުމުގެ ހޮސްޕިޓަލު ތަކަށް ލިބުން ދަތިވެފައިވާ އޮކްސިޖަން ވެސް މިހާރު ހަމަޖެހިގެންދާ ކަމަށް ހަރްޝް ބުނެފައިވެއެވެ.
މީގެ އިތުރުން ހަރްޝް ބުނީ މިހާރު އޮކްސިޖެން އުފައްދަމުން އަންނަ ކަމަށާއި، ބޭރު ޤައުމުތަކުން ވެސް އޮކްސިޖަން ޓޭންކަރުތައް ދޭން ހަމަޖެހިފައިވާ ކަމަށެވެ.
އިންޑިއާގައި ފެތުރެމުން އަންނަ ކޮވިޑްގެ ދެވަނަ ރާޅާއެކު، އިއްޔެ ވެސް އެ ޤައުމުން 386,452 މީހުން މި ބައްޔަށް ފައްސި ވެފައިވެއެވެ. ރިޕޯޓު ތަކުން ބުނާ ގޮތުގައި މިއީ އެއް ދުވަހުގެ ތެރޭގައި އިންޑިއާއިން ކޮވިޑަށް ފައްސިވީ އެންމެ ގިނަ މީހުން ރިކޯޑު ކުރެވުނު ދުވަހެވެ. މީގެ އިތުރުން އިއްޔެ އެކަނި ވެސް އެ ޤައުމުން 3،500 މީހުން މި ބަލީގައި މަރުވެފައި ވެއެވެ. އޭގެ ތެރެއިން 400 މީހުން މަރުވީ ނިއު ދިއްލީންނެވެ.
ޤައުމުގެ ހާލަތާ މެދު ބީބީސީއަށް މައުލޫމާތު ދެމުން ޑރ. ޒަރީރް އުދްވާދިއާ ބުނީ އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުން ވެންޓިލޭޓަރު ހަދިޔާ ކޮށްފައިވާ ކަމަށާއި އޮކްސިޖެން ސިލިންޑަރު ވެސް ހަދިޔާ ކުރާނެ ކަމަށެވެ. އިންޑިއާގެ ވަރަށް ގިނަ ހޮސްޕިޓަލުތަކުން އަދިވެސް އޮކްސިޖެން ހުސްވެފައިވާކަން ޑރ. ޒަރީރް ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް އެންމެ ފަހު ނޭވާއާ ހަމައަށް ވެސް ބަލި މީހުން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ބަލިޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން، އެމީހުންގެ ހަށިތައް އަންދާނެ ޖާގަ ވެސް ދިއްލީން ވަނީ މަދުވާން ފަށާފައެވެ.