ރައްޔިތުންވަނީ ރައީސް ޔާމީނަށް އޮތް ތާއީދު ދައްކުވައިދީފައި، މި ސަރުކާރު ބަލިކުރާނަން : ޝުޖާއު
ރައީސް ޔާމީނަށް އޮތް ތާއީދު ރައްޔިތުން ވޯޓުން ދައްކުވައިދީފި ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާޢު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވ. އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވުމާ ގުޅިގެންނެވެ.
ޝުޖާއު ވިދާޅުވީ މިއަދު ފުލުފުލުން ދަޢުވާތައް އުފުލި ނަމަވެސް މާދަމާއަކީ ރައްޔިތުންގެ ދުވަސް ކަމަށެވެ. މީގެ އިތުރުން ޝުޖާއު ވަނީ މި ސަރުކާރު ބަލިކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
“ މިއަދު ފުލުފުލުން ދައުވާތައް އުފުލިދާނެ. މާދަމާއަކީ ރައްޔިތުންގެ ދުވަސް. އަޅުގަނޑުމެން ދެންނެވިން ރައްޔިތުން ތިއްބެވީ ވޯޓު ފޮއްޓެއް އަތު ނުޖެހިފައޭ. ރައްޔިތުން ވަނީ ރައީސް ޔާމީންއަށް އޮތް ތާއީދު ވޯޓުފޮށިން ދައްކުވައިދީފަ. އަޅުގަނޑުމެން މި ސަރުކާރު ބަލި ކުރާނަން” ޝުޖާޢު ވިދާޅުވިއެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ވ. އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު ފައިސާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ އަންގާރަ ދުވަހެވެ. މިމައްސަލައިގައި ވެސް ރައީސް ޔާމީންގެ މައްޗަށް ކުރާ ތުހުމަތަކީ ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑްރިންގެ ކުށެވެ.
ރައީސް ޔާމީންގެ މައްޗަށް މިހާރު ވެސް ކްރިމިނަލް ކޯޓުގައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ދައުވާތަކެއް އުފުލައިފައެވެ. ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދަައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެ ފައިސާ ލޯންޑާރ ކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.