ދީން

ކަރަންޓީނުގައި ހުރެ ފަހުދިހައިގެ މާތްކަން ހޯދާނީ ކިހިނެއް؟

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އަޅުގަނޑުމެންނާ އެންމެ ފަހުން ވަކިވެ ދިޔަ ރަމަޟާން މަހަކީ ފުރަބަންދުގެ ޙާލަތުގައި ތިއްބައި ބައްދަލުވި މަހެކެވެ. އެންމެންމެ ފަރުޟު ނަމާދުތަކާއި ތަރާވީޙާއި ދަމުނަމާދު ކުރީ ގޭގައެވެ. ޤުރުއާން ކިޔެވުމާއި ރޯދަ ވީއްލުންވެސް އޮތީ ގޭގައެވެ.

Ads by STELCO

މިއާ ޚިލާފަށް މިއަހަރު އަޅުގަނޑުމެންނާ ރަމަޟާން ބައްދަލު ކުރީ ކުރިއަށްވުރެ ފަސޭހަ ހާލަތެއްގައި ވަނިކޮށެވެ. ކޮވިޑަށް ފައްސިވާ ޢަދަދު އިތުރުވަމުން ދިޔަ ނަމަވެސް އަދި ބައެއް ރަށްރަށް މޮނިޓަރީންގައި ވީ ނަމަވެސް ﷲގެ ރަޙުމަތްފުޅުން މިސްކިތަށް ދެވެއެވެ. ޖަމާޢަތްތަކުގައި ބައިވެރިވެއެވެ. މިއީ ގިނަ މީހުންނަށް ލިބިފައި އޮތް ފުރުސަތެއް ނަމަވެސް ބަރަކާތްތެރި މި މައްސަރުގެ އެންމެ ބަރަކާތްތެރި ދުވަސްތަކާއި ރޭތަކާ ކުރިމަތިލާއިރު ކަރަންޓީނުވުމުގެ ސަބަބުންނާއި ބަލިވުމުގެ ސަބަބުން ގޭގައި ތިބެން ޖެހިފައި ތިބި މީހުން މަދެއް ނޫނެވެ. ސުވާލަކީ އެ ފަދަ މީހުން ފަހުދިހައިގެ ހެޔޮކަން ލިބި ގަންނާނީ ކިހިނެއް ހެއްޔެވެ؟

ގޭގައި ތިބެން ޖެހިފައިވާ މީހުންނަށް ވެސް ފަރުޟު ނަމާދުތަކާއި ތަރާވީޙް ނަމާދު ނުވަތަ ދަމުނަމާދުގެ ޖަމާޢަތްތައް ގޭގައި ވެސް ހެއްދެވޭނެއެވެ. ފިރިހެނަކު އިމާމުވެ ހުންނަވައި އަންހެން ބޭފުޅުން އެންމެ ފަހަތުގައި ތިއްބަވައިގެން ނަމާދު ކުރެއްވުމުން ޖަމާޢަތުގެ އަޖުރު އިންޝާﷲ ، ލިބޭނެއެވެ. މީގެ އިތުރުން ކީރިތި ޤުރުއާން ކިޔެވުމާއި ޒިކުރު ކުރުމާއި އަނބިދަރީންނަށް ހެޔޮ ފޯރުވުމާއި ޞަދަޤާތްކުރުން ފަދަ ކަންކަމަކީ ވެސް ގޭގައި ތިއްބަވައިގެން ނަމަވެސް ކުރެއްވިދާނެ މަތިވެރި އަޅުކަންތަކެވެ.

އަޅުގަނޑުމެންނަކީ އާންމުކޮށް ބޭރުތެރޭގައި ހެލިފެލިވެ އުޅޭ ބަޔަކަށް ވެފައި ކުއްލިއަކަށް ބަންދުގައި ތިބެން ޖެހުމަކީ އުނދަގޫކަމެއް އެކަމުގައި ހުންނަ ކަމެކެވެ. ޚާއްޞަކޮށް ރަމަޟާންމަހެއްގައި މިސްކިތަށް ނުދެވި ގޭގައި ތިބޭން ޖެހުމަކީ އެކަމުގައި އުނދަގޫ އިހްސާސެއް ކުރުވާ ކަމެކެވެ. ނަމަވެސް މިކަމުގައި ވެސް ފައްސި ނަޒަރަކުން ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ.

ދުނިޔޭގެ ދިރިއުޅުމުން އެކަހެރިވެ ގޭގައި ތިބޭން ޖެހުމަކީ އާންމުކޮށް ހެލިފެލިވެ އުޅޭ މީހުންނަށް ވުރެ ގިނައިން އަޅުކަމުގައި ވަގުތު ހޭދަ ކޮށްލެވޭން އޮތް ފުރުސަތެކެވެ. ނަމާދުކުރުމާއި ޤުރުއާން ކިޔެވުން ނުވަތަ ޒިކުރުކުރުންފަދަ ޢަމަލުތަކުގެ އިތުރުން ގޭގައި ތިއްބަވައިގެން އަނބިދަރީންނަށް އަޅާލައި އެހީ ފޯރުކޮށްދީ އުޅުމަކީ ވެސް ނުހަނު ބޮޑުވެގެންވާ ހެޔޮ ޢަމަލުތަކެވެ. އެހެންކަމުން ގޭގައި ތިއްބަން ޖެހިފައިވާ ބޭފުޅުން ، އަބަދާއި އަބަދު މީސްމީޑިއާގެ މަންސަތަކުގައި ތާށިވެފައި ނުއޮވެ ނުވަތަ ކޮންމެވެސް ފިލްމެއް،ޑްރާމާއެއްގެ އަވައިން ރައްކާތެރިވެވި ، ރަނގަޅަށް ވަގުތު ރާވައިލެވިއްޖެނަމަ އަޅުކަންތަކަށް މާ ފަހި ފުރުސަތެއް ލިބިގެން ދެއެވެ.

(ޖަމްއިއްޔަތުއްސަލަފްގެ ފަރާތުން ޝައިޚް އަޙުމަދު ޞަމީރު ދެއްވައިފައިވާ އިރުޝާދެއްގެ އަސްލު)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!