ދުނިޔެ

ނެބުލައިޒް ކުރުމަކީ ކޮވިޑް-19 އަށް ހުރި ފަރުވާއެއް ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 ގެ ހާލަތު މި ވަގުތު އިންތިހާއަށް ގޯސްވެފައިވާ އިންޑިއާގައި، މި ބައްޔަށް ދޭ ފަރުވާއެއް ކަމަށް ބުނެ ދޮގު މައުލޫމާތުތަކެއް ފަތުރަން ފަށައިފިއެވެ.

Ads by Sosun Fihaara

ހަލުވި ކަމާއެކު މި ބަލި ފެތުރެމުންދާ އިންޑިއާގައި ބޭސްފަރުވާއަށް ބޭނުންވާ ސާމާނަށް ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް މަދުވެފައިވާ އެކައްޗަކީ އޮކްސިޖަނެވެ.

އިންޑިއާގައި އޮކްސިޖަން މަދުވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެފައިވާ މިދަނޑިވަޅުގައި، އޮކްސިޖަންއާ ބެހޭ ދޮގު މައުލޫމާތުތަކެއް މީސް މީޑިއާގައި ދަނީ ފެތުރެމުންނެވެ.

އެގޮތުން ދާދި ފަހުން ދައުރުވެފައިވާ ވީޑިއޯއެއްގައި، އިންޑިއާ ޑޮކްޓަރަކު ބުނެފައި ވަނީ ބަލިމީހާގެ އެތެރެހައްޓަށް ބޭސް ސްޕްރޭ ކުރަން ބޭނުންކުރާ ސާމާނެއް ކަމަށްވާ، ނެބިއުލައިޒަރަކީ އޮކްސިޒަން ސިލިންޑަރެއްގެ ބަދަލުގައި ބޭނުން ކުރެވޭނެ އެއްޗެއް ކަމަށެވެ.

ފޭސްބުކް، ޓްވިޓާ އަދި ވަޓްސްއެޕް ގައި ދައުރުވަމުންދާ މި ވީޑިއޯގައި، ނެބިއުލައިޒަރުން މުޅި ތިމާވެށްޓަށް ފުދޭވަރަށް އޮކްސިޖަން ލިބޭނޭ ކަމަށް ވެސް އެ ޑޮކްޓަރު ބުނެފައިވެއެވެ.

މީސްމީޑިއާގައި މި ވީޑިއޯ ފެންމަތިވުމާ ގުޅިގެން، އެ ޑޮކްޓަރު ވަޒީފާ އަދާކުރަމުން ގެންދިޔަ ހޮސްޕިޓަލުން ވަނީ ވީޑިއޯގައި އޭނާ ބުނެފައިހުރި ވާހަކަތައް ދޮގުކޮށް ސައިންސުވެރިންގެ ދިރާސާގެ އަލީގައި އެކަމާ ދެކޮޅު ހަދައިފައެވެ.

ކަމާބެހޭ މާހިރުންނާ ސައިންސުވެރިން ބުނާގޮތުގައި، ނެބިއުލައިޒޭޝަނަކީ އެތެރެ ހަށީގައި އޮކްސިޖަން އާލާކުރުމަށް އެއްވެސް ގޮތަކަށް މަސައްކަތް ކުރާ އެއްޗެއް ނޫނެވެ.

ވީޑިއޯއާއި ދެކޮޅަށް ވާހަކަ ދެކެވެން ފެށުމުން ޑޮކްޓަރު ވަނީ، އޭނާ ބުނެފައިވާ ބަސް އެންމެނަށް އޮޅިފައިވާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އޮޅިފައިވާ ތަންކޮޅާއި އިތުރު އެއްވެސް ތަފްސީލެއް އެ ޑޮކްޓަރު އަދި މިހާތަނަށް ވެސް ދީފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!