ރެސިޕީ

ދެން ރެސިޕީ | ދޮން އަނބު ރިހަ

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: އައްޑޫ ލައިވް

ބޭނުންވާ ތަކެތި:

4 ދިވެހި ދޮން އަނބު

Ads by Sosun Fihaara

2 މޭޒުމަތީ ސަމުސާ މުގުރި ކޮތަނބިރި

1 މޭޒުމަތީ ސަމުސާ މުގުރި ދަވިއްގަނދު

½ މޭޒުމަތީ ސަމުސާ މުގުރި ދިރި

½ މޭޒުމަތީ ސަމުސާ ތެޅި މިރުސް (ނޫނީ ބޭނުން ވަރަކަށް)

½ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)

1 ފިޔާ

2 ލޮނުމެދު

½ އިނޗީގެ އިނގުރު ކޮޅެއް

10 ހިކަނދިފަތް

6 އިންޗީގެ ރާނބާފަތް ކޮޅެއް

4 ކާފޫރުތޮޅި

3 އިންޗީގެ ފޮނިތޮށި ކޮޅެއް

½ ޖޯޑު ކާށިކިރު (އަހަރުމެން ބޭނުންކުރީ ޕެކެޓުގައި ހުންނަ ދިޔާ ވައްތަރު)

½ ޖޯޑު ފެން

½ ޖޯޑު ތުނިކޮށް ކޮށާފައި ހުރި ހިކިމަސް

2 މޭޒުމަތީ ސަމުސާ ތެޔޮ

½ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

ތައްޔާރުކުރާނެ ގޮތް:

1. ފިޔާ ތުނިކޮށް ކޮށާށެވެ. ކާފޫރު ތޮޅިތައް ކޮޅުން ހުޅުވާލާށެވެ. އަދި އިނގުރާއި ލޮނުމެދުކޮޅު ސަމުސަލެއްގެ އަނެއްފުށް ފަދަ އެއްޗެއް ބޭނުން ކޮށްގެން ރަނގަޅަށް ޗަސްކޮށްލާށެވެ.

2. އަނބުތައް މަށާށެވެ. ބައެއް މީހުން ދޮން އަނބު ރިހަ ކައްކާއިރު އަނބު މެށުމަށްފަހު އެ އޮތްގޮތަށް ނުކޮށާ ބޭނުން ކުރެއެވެ. އަނެއްބައި މީހުން ރިހަ ކައްކަނީ އަނބު ކޮށައިގެންނެވެ. އެހެންވީމާ މިދެގޮތުން ކުރެ ބޭނުން ގޮތެއް ހަދާށެވެ. އަހަރުމެންނަށް ބޮޑަށް ކަމުދަނީ އަނބު އޮތްގޮތަށް ހެދީމައެވެ.

3. ތެއްޔަކަށް ތެޔޮކޮޅު އަޅައި އެ ރަނގަޅަށް ހޫނުކުރުމަށްފަހު ތެއްޔަށް ފިޔާކޮޅާއި ކާފޫރުތޮޅިކޮޅާއި ފޮނިތޮށިކޮޅާއި ރާނބާފަތްކޮޅާއި ގިތެޔޮމިރުހާއި ހިކަނދިފަތްކޮޅު އަޅާލާށެވެ.

4. ފިޔާކޮޅު ރަތްވާން ފަށްޓަންދެން ކައްކާލާށެވެ. ގިނި ބަހައްޓާނީ މެދު މިނެއްގައެވެ. ދެން ޗަސްކުރި ލޮނުމެދާއި އިނގުރުކޮޅު ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލާފައި ތިރީހަކަށް ސިކުންތު ކައްކާލާށެވެ.

5. ދެން ކޮތަނބިރި، ދަވިއްގަނދު، ދިރި އަދި ތެޅިމިރުސްކޮޅު ތެއްޔަށް އަޅާލާ އެއްކޮށްލުމަށްފަހު ތިރީހަކަށް ސިކުންތު ކައްކާލާށެވެ.

6. ދެން ދޮން އަނބުކޮޅާއި ކާށިކިރާއި ލޮނާއި ފެނާއި ހިކިމަސްކޮޅު ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލުމަށް ފަހު ތެލީގެ މަތިޖަހައި ގިނި މަޑުކޮށްލާށެވެ. ދެން 15 މިނެޓެއް ހާއިރު އެގޮތަށް ބައިންދައިގެން ކައްކާލާށެވެ.

7. އުނދުން ނިވާލުމުގެ ކުރިން ރަހަ ބަލައިލާފައި ކަމުދާގޮތަކަށް ރަހަ ހެޔޮވަރުކޮށްލާށެވެ. ފޮނި މަޑިއްޔާ ހަކުރު ކޮޅެއްވެސް އަޅާލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!