ޚަބަރު

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ އިދިކޮޅުން ކުށްވެރި ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ކުށްވެރި ކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ ގެކޮޅު ކައިރިން ކާރުކޮޅަށް އެމަނިކުފާނު އަރާވަޑައިގަންނަވަނިކޮށް އެ ސަރަޙައްދުގައި ކާރުކޮޅު ކައިރިން އެއްޗެއް ގޮވާ އެމަނިކުފާނަށް އަނިޔާ ލިބިވަޑައިގެންނެވި ޚަބަރު އެ ކޯލިޝަންގެ ފަރާތުން އެހީ ކުއްލި ހައިރާން ކަމާއި އަސަރާއެކު ކަމަށެވެ. އަދި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާއަށް އަވަސް ޝިފާއެއް ދެއްވުން އެދި މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ދުޢާ ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

"ރައީސް ނަޝީދުގެ ގެކޮޅު ކައިރިން އެމަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ޙަޤީޤަތް ހޯދުމަށް އަވަސް ތަޙުޤީޤެއް ހިންގުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާ ތަކަށް ގޮވާލަމެވެ. އަދި ހަމައެއާއެކު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، މި ކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލާއި ސްޓިއަރިންގ ކޮމިޓީތަކާއި އާންމު މެންބަރުންގެ ފަރާތުން ހަމްދަރުދީ ފާޅުކޮށް އެމަނިކުފާނަށް އަމާޒުކޮށް ދީފައިމިވާ ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ." އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެ ޢަމަލު ރާވާ ހިންގުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތައް ހޯދާ ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޤާނޫނުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!