ޚަބަރު

އެއްވެސް ފަރާތަކުން ރަސްމީކޮށް މި ހަމަލާއާ ހަވާލުވި ކަމަށް އެނގިފައެއް ނުވޭ: ފުލުހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް ރޭ ދިން ހަމަލާއާ އެއްވެސް ފަރާތަކުން ރަސްމީކޮށް ހަވާލުވިކަން އަދި އެނގިފައި ނުވާކަމަށް އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރ އަހުމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަކީ އިސްލާމިކް ސްޓޭޓް (އައިއެސްއައިއެސް) އިން ދިން ހަމަލާއެއް ކަމަށް އެ ޖަމިއްޔާއިން ހަވާލު ވެފައިވާ ކަމަށް އިއްޔެ ވަނީ ޚަބަރު ފެތުރިފައެވެ.

ފުލުހުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން އޭސީޕީ ރިޔާޒް ވިދާޅުވީ، އެފަދަ ހަމަލާއަކާ ރަސްމީކޮށް އެއްވެސް ފަރާތަކުން ހަވާލުވެފައިވާކަން އަދި އެނގިފައި ނުވާ ކަމަށެވެ.

"އެފަދަ ޚަބަރުތަކެއް ސޯޝަލް މީޑިއާގައި އެކިއެކި ފަރާތްތަކުން ކޮށްފައިވާ ޕޯސްޓުތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ސަމާލުކަމަށް ވެސް ވަނީ އައިސްފަ. ނަމަވެސް އެއްވެސް ފަރާތަކުން ރަސްމީކޮށް މި ހަމަލާއާއި ހަވާލުވެފައިވާކަން ހާމަކޮށްފައެއް ނުވޭ" އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.

ފުލުހުންގެ މި ބައްދަލުވުމުގައި އިތުރަށް ވިދާޅުވެފައި ވަނީ ރޭގެ ހަމަލާގެ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިންޓެލްއަށް ލިބިފައިނުވާ ކަމަށާއި، އެ މައުލޫމާތު ނުލިބުނީ ކީއްވެގެންކަން ފުލުހުން ބަލާނެ ކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ސަރަހައްދު ކަމުގައިވާ ނީލޯފަރު ހިނގުމުން އެއްވެސް ބޭފުޅަކަށް ޝައްކުވާފަދަ އެއްވެސް އަމަލެއް ނުވަތަ އެއްވެސް އެއްޗެއް ފެނިފައިވާ ނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާ ކުރުމަށް ޚާއްސަ ކޮށްފައިވާ ފުލުހުންގެ ހޮޓްލައިން ނަމްބަރު 9704000 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އެގޮތަށް ފޯރުކޮށްދޭ މައުލޫމާތުތަކުގެ ސިއްރުވެރިކަން ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ރައްޔިތުންނަށް އަރުވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!