މިއީ ހަމަލާ ދިން މީހުން އަތުލަން އެންމެން މަސައްކަތް ކުރަންވީ ވަގުތު
މިއީ ، ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ހަމަލާ ދިން މީހުން އަތުލަން އެންމެން މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދިން ވަގުތު އެ ތަނުގައި ތިއްބެވި އޮފިސަރުން ލިބިފައިވާ ޒަޚަމްތަކާ އެކު ވެސް ޤައުމުގެ ވެރިން ސަލާމަތް ކުރަން މަސައްކަތް ކުރުމުގައި މިސާލު ދެއްކެވި ކަމަށެވެ.
"ރައީސް ނަޝީދަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އެއީ މި ރާއްޖޭގައި ހިނގައިގެން ވާނެ ކަމެއް ނޫން. އެއްވެސް ރައްޔިތަކަށް މި ކަހަލަ ކަމެއް ވާކަށް ނޭދެން. ރައްޔިތުންނާ ވަަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއް. އެ ބޭފުޅާ އަށް އެވަރުގެ ކަމެއް ވީމާ އެނގެނީ މި ސެކިއުރިޓީ ހާލަތުގައި އެންމެން ވިސްނަން ޖެހޭނެކަން." މިނިސްޓަރ މާރިޔާ ވިދާޅުވެފައިވެއެވެ.
މާރިޔާ ވިދާޅުވީ މިއީ އެ ހަމަލަ ދިން މީހުން އަތުލަން އެންމެން މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި ގުޅުން ހުރެދާނެ މައުލޫމާތެއް އެއްވެސް ބަޔަކަށް އެނގޭ ނަމަ ފުލުހުންނާ ހިއްސާ ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި، ސިފައިން ވަރަށް ޕްރޮފެޝަނަލް މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަގަ ކުރައްވާފައި ވެއެވެ. އަދި ސިފައިން ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ލިބިލައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ ފައިސާއިން ބޮޑުމުސާރަ ދީފަ ބަޔަކު ބައިތިއްބީ ކީކުރަން