ރާއްޖޭގައި އުޅެނީ ކޮވިޑް-19ގެ މާ ނުރައްކާތެރި، އާ ސްޓްރެއިނެއް: ޑރ. މުޙައްމަދު ޢަލީ

ރާއްޖޭގައި މިވަގުތު އުޅެނީ ކޮވިޑް-19 ގެ މާ ނުރައްކާތެރި އާ ސްޓްރެއިނެއް ކަމަށް ޓެގް ޓީމުގައި ހިމެނި ވަޑައިގަންނަވާ ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރޭޓަރީ މެޑިސިންގެ ޑޮކްޓަރު، ޑރ. މުޙައްމަދު ޢަލީ ވިދާލުވެއްޖެއެވެ.
ޑރ. މުޙައްމަދު ޢަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އާ ސްޓްރެއިންއެއް އުޅޭ ކަމަށް ވަރަށް ބޮޑަށް ޔަގީން ކަމަށާއި އާ ސްޓްރެއިން މާބޮޑަށް ނުރައްކާތެރި ކަމަށެވެ. އަދި މި އާ ސްޓްރެއިންގެ ސަބަބުން ފުއްޕާމެއަށް ވަރަށް ބޮޑަށް ގެއްލުންދޭ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ކޮންމެ މީހަކު ވެސް ފުރަތަމަ ކަމަކަށް ހެޔޮ ދުއާ ކުރުމަށާއި، މީހުންނާ ބައްދަލު ކުރުން މަދު ކުރުމަށާއި، ރަނގަަޅަށް މާސްކު އެޅުމަށާއި އަދި ރީތިކޮށް އަތް ދޮވުމަށް ސަމާލުކަން ދިނުމަށް ވެސް ޑރ. މުޙައްމަދު ޢަލީ ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ރާއްޖޭގައި ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާނަމަ، ރާއްޖޭގައި މި ބަލީގައި އާ ވޭރިއެންޓެއް އުފެދުމަކީ ވަރަށް ގާތް ކަމެއް ކަމަށް އެޗްއީއޯސީއިން މީގެ ކުރިން ވަނީ ބުނެފައެވެ.