ރައީސް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު އޮންލައިންކޮށް ހިއްސާ ކުރަން ޕޯޓަލްއެއް

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ހެއްކާއި މައުލޫމާތު އޮންލައިންކޮށް ފުލުހުންނަށް ހުށަހެޅޭނެ އިންތިޒާމް ފުލުހުން ހަމަޖައްސައިފިއެވެ.
ފުލުހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހުކުރު ވިލޭރޭ ދިން ނިރުބަވެރި ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް، ފޮޓޯއެއް، ވީޑިއޯއެއް ނުވަތަ ލިޔެކިޔުމެއް ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރުމަށެވެ.
ފުލުހުން ވިދާޅުވީ އޮންލައިންކޮށް ފުލުހުންނަށް މައުލޫމާތު ހުށަހަޅާ ފަރާތްތަކުގެ ވަނަވަރު ވެސް ސިއްރު ކުރާނެ ކަމަށެވެ. މައުލޫމަތު ހިއްސާކުރަން ބޭނުންފުޅުވާ ފަރާތްތަކުން ފުލުހުން ގާއިމްކޮށްފައިވާ އޮންލައިން ޕޯޓަލް u.police.mv/evidence މެދުވެރިކޮށް ހިއްސާ ކުރެވޭނެއެވެ.
ރައީސް ނަޝީދަށް ހަމަލާ ދޭން އެއްޗެއް ގޮއްވައިލީ އެ މަނިކުފާނު އުޅުއްވާ ގ.ކެނެރީގެއިން ނުކުމެ ކާރާ ދިމާއަށް ވަޑައިގަންނަވަނިކޮށް ކާރާ ވަރަށް ކައިރިންނެވެ. މި ހަމަލައިގައި އިތުރު ހަތަރު މީހަކު ވެސް ޒަހަމްވިއެވެ.
ނިރުބަވެރި މި ހަމަލައިގައި ރައީސް ނަޝީދަށް ވަނީ ގިނަ ޒަޚަމްތަކެއް ވެފައެވެ. އެ މަނިކުފާނަށް ފަރުވާ ދޭ އޭޑީކޭ ހޮސްޕިޓަލުން ބުނެފައި ވަނީ 16 ގަޑިއިރު ތެރޭ އެމަނިކުފާނުގެ 4 އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށެވެ. އަދި ކާމިޔާބު އޮޕަރޭޝަންތަކަކަށް ފަހު ރައީސް ނަޝީދުގެ ހާލުކޮޅު ކްރިޓިކަލްކަމުން އެމަނިކުފާނު ބާއްވާފައި އޮތީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށާއި ރައީސް ނަޝީދުގެ ބޮލާއި އަތާއި ފައިގެ މަސްގަނޑުގެ، އަދި ފުރަމެ އާއި ބަނޑުގެ ސާޖަރީއެއް ހަދައިފައިވާ ކަމަށް ވެސް އޭޑީކޭއިން މައުލޫމާތު ދެއްވިއެވެ.