ޚާއްސަ ފިޔަވަޅުތަކާއެކު މި އަހަރުގެ ޙައްޖުގެ އަޅުކަން އޮންނާނެ
ޚާއްސަ ފިޔަވަޅުތަކާއެކު މި އަހަރުގެ ޙައްޖުގެ އަޅުކަން އޮންނާނެ ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ ތަރުޖަމާނު އިއުލާނު ކުރައްވައިފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ސިއްހީ އިދާރާތަކުން ދަނީ ހާލަތު މޮނީޓާކޮށް އެންމެންގެ ރައްކާތެރިކަމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށެވެ.
މި އަހަރުގެ ޙައްޖުގެ މާތް އަޅުކަން ކުރިއަށް ދާނީ ޚާއްސަ ފިޔަވަޅުތަކާއެކުކަން އިއުލާނު ކުރި ނަމަވެސް، އެކަމާ ގުޅޭ ތަފްސީލު ދެއްވައިފައެއް ނުވެއެވެ. ތަރުޖަމާނު ވިދާޅުވީ ފަހުން ތަފްސީލް ހާމަ ކުރައްވާނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ލިބުނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ޝަރުތު ހަމަވާ ވަކި އަދަދެއްގެ މީހުންނަށެވެ.
އެގޮތުން ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޙައްޖުގެ އަޅުކަން އަދާކުރެވޭނެ މީހުން ހޮވީ އެކަމަށް ޚާއްސަ ކޮށްފައިވާ އެޕްލިކޭޝަނެއް މެދުވެރިކޮށް، ގުރުއަތުލައިގެންނެވެ.
ގުރުއަތުލައިގެން ފުރުސަތު ލިބުނު މީހުން މައްކާއަށް ފުރުމުގެ ކުރިން ގޭގައި ހަތް ދުވަހު އެކަހެރި ވާން ޖެހުނެވެ. އޭގެ ފަހުން އަޅުކަން ފެށެން ދެން ކަނޑައެޅިފައިވާ ހޮޓަލެއްގައި ކަރަންޓީނު ވާން ވެސް ޖެހުނެވެ.