ޚަބަރު

ކާފިއު ވަގުތު ސިނަމާލެ ބްރިޖުން ދަތުރު ކުރެވޭނީ ހުއްދަ ލިބިފައިވާ ފަރާތްތަކަށް

މަރްޔަމް ވަޙީދާ

ކޮވިޑް-19ގެ ހާލަތާ ގުޅިގެން މާލެ ސަރަޙައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު ވަގުތުގައި ސިނަމާލެ ބްރިޖުން ދަތުރު ކުރެވޭނީ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހަލުވިކަމާއެކު ރާއްޖޭގައި، ޚާއްސަކޮށް މާލޭގައި ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ކޮންމެ ރެއަކު 9:00 އިން ފަތިހު 4:00 އަށް ކާފިއު އިއުލާނު ކޮށްފައެވެ. އެ ވަގުތުގައި ސިނަމާލެ ބްރިޖުން ދަތުރު ކުރެވޭނީ ހަމައެކަނި ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ޓްރެފިކް ފުލުހުން ވަނީ މިއަދު ވިދާޅުވެފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ އަދަދުތައް އިންތިހާއަށް އިތުރު ވެއެވެ. އެގޮތުން ފާއިތުވީ ތިން ރޭ ވެސް ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ 500 އަށްވުރެ މަތިވެފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން ކާފިއު އިއުލާނު ކުރުމުގެ އިތުރުން، މާލެ ސަރަޙައްދުގެ ސަރުކާރު އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ މަސައްކަތްތައް ވަނީ އޮންލައިންކޮށް، ގޭގައި ތިބެގެން ކުރިއަށް ގެންދިޔުމަށް އަންގާފައެވެ. އޭގެ އިތުރުން ސްކޫލްތަކުގެ ކިޔެވުމާ، ޔުނިވާސިޓީތަކާ ކޮލެޖުތަކުގެ ކިޔެވުން ވެސް ވަނީ އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!