ޚަބަރު

ރައީސް ގެ ވައުދު: ހަމަލާގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރާނަން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައިގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މި މަހުގެ 6 ވީ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް ދެވުނު ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ކެބިނެޓާ ބައްދަލުކުރެއްވި ކަމަށް، މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސް ޞާލިޙު ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ އެންމެ އިސް އަމާޒަކީ މި މައްސަލައިގައި ޝާމިލްވާ މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ތަހުގީގަށް ބޭނުންވާ ހުރިހާ ރިސޯސްތަކެއް މިހާރު ބޭނުން ކުރަމުން އަންނަ ކަމަށާއި ބޭރުގެ ތަޖުރިބާކާރުން ވެސް މި ތަހުގީގުގައި ބައިވެރިވެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ މި ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ އަޒުމާއި ހިތްވަރަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށެވެ.

މީގެއިތުރުން ރައީސް ޞާލިޙް ވިދާޅުވީ މިއަދު މެންދުރުގެ ވަގުތެއްގައި ރައީސް ނަޝީދާ ބައްދަލުކުރައްވާފައިވާ ކަމަށާއި، ރައީސް ނަޝީދު އެނބުރި ވަޑައިގަންނަވާނީ ކުރިޔަށްވުރެ ވެސް ވަރުގަދަކޮށް ކަމަށެވެ.

"ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއެކު ވެސް އެ މަނިކުފާނުގެ ހިތްވަރާއި އަޒުމަށް ބަދަލެއް އައިސްފައެއް ނުވޭ. އިރާދަކުރެއްވިއްޔާ އެމަނިކުފާނު އެނބުރި އަންނާނީ ކުރިޔަށްވުރެ ވެސް ވަރުގަދަކޮށް" ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ހަމަލާގައި މިހާތަނަށް ތިން މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެ ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!