ކޮވިޑް-19: ތިނަދޫން އިތުރު 5 މީހުން ފައްސިވެ ޖުމްލަ އަދަދު 49އަށް

ގދ. ތިނަދޫން އިތުރު 5 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
މިއާއެކު އެ ރަށުން ފައްސި ވީ މީހުންގެ ޖުމްލަ އަދަދު ވަނީ 49އަށް އަރާފައެވެ.
މި ފަސް މީހުންނަކީ ވެސް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުން މީހުންނެވެ. މީގެ ކުރިން ވެސް މިއަދު ވަނީ ތިނަދޫން އިތުރު ބަޔަކު ފައްސިވެފައެވެ. މިއަދު ހެނދުނު ފައްސިވެފައި ވަނީ އަލާމަތްތައް ފެނިގެން ހޮސްޕިޓަލަށް ދެއްކި ދެ މީހެކެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނަތީޖާ ނުލިބި 163 ސާމްޕަލެއް ވެއެވެ. ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށްދާ އިރު ޖުމްލަ 1462 ސާމްޕަލެއް މިހާތަނަށް ވަނީ ނެގިފައެވެ.
އޭޕްރީލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފައެވެ.
ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ. އަދިކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641 އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.