ކޯވިޑް-19 ދިފާޢު: ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 130،000 އަށްވުރެ މައްޗަށް

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން 130،000އަށްވުރެ ގިނަ މީހުން ފުރިހަމަ ކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 130،866އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 300،906އަށް އަރާފައެވެ.
ހޮނިހިރު ދުވަހު ވެކްސިން ދިން އަދަދުތަކަށް ބަލާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް މާލެ ސަރަހައްދުން 133 މީހަކު ޖަހާފައިވާއިރު އަތޮޅުތަކުން 109 މީހުން ޖަހާފައި ވެއެވެ. އަދި 355 މީހުން ދެވަނަ ޑޯޒް ޖަހާފައިވާއިރު އަތޮޅުތަކުން 2364 މީހުން މި ވެކްސިން ފުރިހަމަ ކޮށްފައިވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.
އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.