ޚަބަރު

ލޯތްބާއި އޯގާތެރިކަމާއެކު ކުޑަކުދިން ބަލައި ބޮޑުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސް އެދިވަޑައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މީހުންނަށް އިޙްތިރާމްކުރުމާއި ކިޔަމަންތެރިވުމުގެ ސިފަ، ކުދިންގެ ކިބައިން ފެންނާނީ، ހުރިހާ ފަރާތްތަކުން ވެސް ކުދިންނަށް ލޯތްބާއި އޯގާތެރިކަން ބެހެއްޓި މިންވަރަކުންކަމަށް ވާތީ، ލޯތްބާއި އޯގާތެރިކަމާއެކު ކުޑަކުދިން ބަލައި ބޮޑުކުރުމަށް ޚާއްޞަ ސަމާލުކަމެއްދި ނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

Ads by Sosun Fihaara

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައި ވަނީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކުދިން މުޖްތަމަޢަށް ބޭނުންތެރި، އަދި މުޖްތަމަޢުގައި ބަސްވިކޭ ބަޔަކަށް ހެދޭނީ، ހުރިހާ ފަރާތްތަކުން ވެސް މީހުންނާ ކުރާ މުޢާމަލާތުތަކުގައްޔާއި، ގޭތެރޭގަޔާއި ބޭރުގައި އުޅޭ އުޅުމުގައި ވެސް، ކުދިންނަށް ރީތި ނަމޫނާ ދެއްކި މިންވަރަކުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އެކުދިންނަށް އިޖްތިމާޢީ ރައްކާތެރިކަމާއި ޢަދުލު އިންޞާފު ހޯދައިދިނުމަށް ކުރައްވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް، މިދިޔަ އަހަރުގެ ކުރީކޮޅު ޢަމަލުކުރަން ފެށުން ފާހަގަ ކުރައްވާފައެވެ.

އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތަކާ ގުޅިފައިވާ މައްސަލަތައް ޙައްލުކުރުމަކީ، ޤާނޫނަކުން އެކަނި ކުރެވޭ ވަރަށް ވުރެ، މާފުޅާ ދާއިރާއެއްގައި އެކަމަށް މަސައްކަތް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެފަދަ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ދާއިރާ ހިމެނޭ ގޮތުން، މުޅި ދައުލަތުގެ ބައިވެރިވުމާއި އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަ ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުން ވެސް އެމަނިކުފާނު ވަނީ އޯގާތެރިކަމާއި، ކުލުނާއި، ލޯތްބާއި، އަޅައިލުމާއި، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ މަތިވެރި ސިފަތަކަށް، އެކުދިން ހޭނުވުމަށް އެދިވަޑައިގެންފައެވެ. އަދި ވަކިން ޚާއްޞަކޮށް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުން ދިވެހިރާއްޖޭގެ އެންމެހާ ކުޑަކުދިންނަށާއި، އެކުދިންގެ ލޯބިވާ މައިންބަފައިންނަށާއި ބެލެނިވެރިންނަށާއި ބަލަދުވެރިންނަށާއި، އެކުދިންގެ ޢާއިލާތަކަށާއި، އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ފޮނުވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!