ޚަބަރު

ކައުންސިލަރުން ހުވާކުރުން އޮންނާނީ އޮންލައިންކޮށް: އެލްޖީއޭ

ރައުފާ ރަޝީދު

ކޮވިޑް 19ގެ ސަބަބުން އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅިގެން ކައުންސިލަރުން ހުވާކުރުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ މިހާރުވެ ސް ހަމަޖައްސާފައިވާ ގޮތަށް މި މަހުގެ 17 ވަނަ ދުވަހު ކައުންސިލް ތަކަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ކުރުން ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވި ފަހުން ވެސް ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި ދައުރު ހަމަވެފައިވާތީ ވަރަށް ގިނަ ކައުންސިލަރުން މަގާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ. އަދި ހުވާކުރުމުގެ ރަސްމިއްޔާތުގެ ކަންކަން ވެސް ހަމަޖެހިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

“ ރަސްމިއްޔާތުގެ ކަންތައްތަކާ ފަނޑިޔާރުން ކަނޑައެޅުމުގެ ކަންކަން ވެސް ހަމަޖެހިފަ ވަނީ. އެރަށެއްގައި ފަނޑިޔާރަކު ނެތްނަމަ ކައިރީގައި ހުރި ރަށަކުން ފަނޑިޔާރަކު އޮންލައިންކޮށް ހުވާ ލައިދިނުމުގެ ކަންކަން ކުރިއަށް ގެންދާ ގޮތަށް އެކަން ކުރާނީ “ ޝަރީފް ވިދާޅުވިއެވެ.

މިފަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ވެރިކަން ކުރާ އެމްޑީޕީންނެވެ. ނަމަވެސް އެމްޑީޕީއަށް ވަނީ ކުރިން އެޕާޓީން މާލެ ސިޓީ އައްޑޫއާއި އައްޑޫ ސިޓީގައި ދަމަހައްޓަމުން އަންނަ މެޖޯރިޓީ ގެއްލިފައެވެ. މިއިންތިޚާބުގައި އެމްޑީޕީން ވަނީ 400 ގޮނޑި ހޯދައިފައެވެ. އިދިކޮޅު ޕީޕީއެމްއަށް ލިބިފައި ވަނީ 325 ގޮނޑިއެވެ، އަދި ޖުމްހޫރީ ޕާޓީއަށް 23 ގޮނޑި ލިބުނުއިރު އަދާލަތު ޕާޓީއަށް ލިބިފައިވަނީ 11 ގޮނޑިއެވެ. އަދި އެމްޑީއޭ އިން 16 ގޮޑި ކާމިޔާބު ކުރިއިރު، ލޭބަރ ޕާޓީން ވެސް ގޮނޑިއެއް ކާމިޔާބު ކޮށްފައި ވެއެވެ. މި އިންތިޚާބުގައި އަމިއްލަ ގޮތުން 600 ކެންޑިޑޭޓަކު ވާދަކުރިއިރު އޭގެ ތެރޭން ގޮނޑި ކާމިޔާބު ކުރެވުނީ 173 ކެންޑިޑޭޓަކަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!