ޚަބަރު

ވެލިދޫގައި ކަރަންޓީނުގައި ހުރި މީހަކު ދަންޖެހިގެން މަރުވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ނ. ވެލިދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެއެވެ.

Ads by MWSC

“ދެން” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން އަމިއްލައަށް ދަންޖެހި މަރުވެފައި ވަނީ ކ. ގުރައިދޫއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ މީހެކެވެ. އަދި އޭނާއަކީ މަސައްކަތް ކުރަމުން އައި ރިސޯޓުން ވެލިދޫއަށް، ދޮން މަންމަގެ ގާތަށް އައިސް 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަމުން އައި މީހެކެވެ.

މި މަހު އެކެއްގައި އޭނާ ކަރަންޓީނު ވެފައިވާއިރު، އޭނާ ކަރަންޓީނު މުއްދަތު ހަމަވެގެން ޓެސްޓު ކުރުމަށް އިއްޔެ ވަނީ ސާމްޕަލް ވެސް ނެގިފައެވެ. އަދި އޭނާ ކަރަންޓީނު ފުރިހަމަ ކުރަމުން އައީ ވެސް އެއްވެސް މީހަކު ދިރިނޫޅޭ ގެއެއްގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ސާމްޕަލް ނަގަން ދިޔަ ފަރާތްތަކަށް ވެސް އޭނާ އަމިއްލައަށް ދަން ޖެހެން މެދުވެރިވެދާނެ ފަދަ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން ފެނިފައި ނުވާ ކަމަށާއި، އޭނާ އެކަން ކުރީ ކީއްވެ ކަމެއް އަދި އެނގިފައި ނުވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އޭނާގެ ސާމްޕަލްގެ ނަތީޖާ މިރޭގެ ވަގުތެއްގައި ލިބޭނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އެޗްޕީއޭގެ އެންގުމުގެ މަތިން ކޮވިޑުގެ ރައްކާތެރި ކަމާއެކު ބޭގަށް ލެވި އޭނާ މިހާރު ވަޅުލައިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ.

މާތްﷲ ވަހީ ކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا

މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައި ވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދު ވެސް ނުކުރުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!