ޚަބަރު

އަދަދުތައް ދަށެއް ނުވޭ! މިއަދު ވެސް 1500އަށް ވުރެ ގިނަ މީހުން ފައްސިވި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރާއްޖެއިން ކޮވިޑް-19އަށް މިއަދު 1501 މީހުން ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އޭގެތެރެއިން 662 މީހުންނަކީ އިއްޔެ އިރުއޮއްސި 6:00 އިން މިއަދުގެ އިރުއޮއްސި 6:00 އަށް ނެގި ސާމްޕަލްތަކުގެ ނަތީޖާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިއަދު އާންމުކޮށްފައިވާ ނަތީޖާއަށް ބަލާއިރު 1،229 މީހުން ފައްސިވެފައި ވަނީ މާލެ ސަރަޙައްދުންނެވެ. އަދި އަތޮޅުތެރެއިން 265 މީހުން ފައްސި ވެފައިވާ ކަމަށާއި ހިންގަމުން އަންނަ ރިސޯޓުތަކުން ހަތް މީހުން ފައްސިވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 38,520 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 26،795 މީހުންނެވެ. އަދި މިހައިތަނަށް މިބަލީގައި ރާއްޖެއިން 87 މީހުން ނިޔާވެފައިވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 247 މީހުންނެވެ.

ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ގެ ހާލަތު ވަނީ ދަށަށް ގޮސްފައެވެ. އަދި ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރެވެ. އެހެންކަމުން އަދަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސް އޮފީހާއި އެޗްޕީއޭ ގުޅިގެން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މި މަހުގެ 5 އިން 15 ގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް މަސައްކަތްތައް ނިންމުމަށް ބަދަލު ކުރުމާއި، ސްކޫލްތަކުގެ ކިޔެވުން ވެސް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލު ކުރުމުގެ އިތުރުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ދިން ލުއި މި މުއްދަތުގެ ތެރޭގައި މެދުކަނޑާލުން އަދި މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމާއި މާސްކު އަޅައިގެން ނަމާދު ކުރުން ހިމެނެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން މާލެ ސަރަޙައްދުގައި މި މަހުގެ 12 އިން 18 އަށް، ހަވީރު 4:00 އިން ފަތިހު 4:00 އަށް ވަނީ ކާފިއު ގަޑި ވެސް އިއުލާނު ކޮށްފައެވެ. އޭގެ އިތުރުން މި މުއްދަތުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓައިލުމަށް ވެސް އަންގާފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!