ޚަބަރު

ޚިޔާނާތުގެ ތުހުމަތުވާ މީހުން މަގާމުން ވަކި ކުރާ ގޮތަށް ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތުގެ ފައިސާ ލިބުނުކަަމަށް ތުހުމަތުވާ މީހުންގެ ތެރެއިން މަގާމުތަކުގައި ތިބި މީހުން ވަކިކުރަން ހުށަހަޅާ ގޮތަށް 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީގެ ސަބްކޮމިޓީން ނިންމައިފިއެވެ.

Ads by Hajj Corporation

ޖޮއިންޓް ކޮމިޓީން މިއަދު ބާއްވާ ބައްދަލުވުމުގައި ފައިނަލް ކުރުމަށް ސަބްކޮމިޓީން ރޭގައި އެކުލަަވައިލި ރިޕޯޓްގައި ވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތު މައްސަލައިގައި ތުހުމަތު އުފުލިފައިވާ މީހުންގެ ތެރެއިން މަގާމުތަކުން ވަކިކުރެވެން ހުރި ފަރާތްތައް ވަކިކުރުމަށެވެ. އިންތިހާބީ މަގާމުތަކުގަައި ތިބި މީހުން ވަގުތުން ވަކިނުކުރެވޭނެތީއެވެެ.

ސަބް ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި މައިގަނޑު އަށް ކަމެއް ކުރަން ހުށަހަޅާފައި އޮތް އިރު މީހުން ވަކިކުރުން އޮތީ ފަސް ވަނައަށެވެ. ހަވަނައަށް އޮތީ ތުހުމަތުވާ މީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށް ވާތީ، އެފަދަ ފަރާތްތަކުގެ ތަހުގީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށެވެ.

ސަބް ކޮމިޓީގެ ރިޕޯޓްގައި ހުރި އެހެން ހުށަހެޅުންތަކުގެ ތެރޭގައި، މިހައިތަނަށް ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުންް ފައިސާ އަނބުރާ ހޯދަން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި ދެންނެވުމާއި އެކަން ކުރިއަށްދާ ގޮތް މަޖިލީހުން ބެލުން ވެސް ހިމެނެއެވެ. ތަހުގީގު ކުރިއަށް ދާއިރު ތުހުމަތުވާ ފަރާތްތަކަށް މިހާރުން މިހާރަށް އެޅެން ހުރި އެހެން ފިޔަވަޅުތައް އެޅުމަށް ވެސް ރިޕޯޓްގައި ހުށަހަޅާފައިވެއެވެ.

ސަބްކޮމިޓީން ރޭ ފައިނަލް ކުރި ރިޕޯޓް ޖޮއިންޓް ކޮމިޓީއަށް މިއަދު ހުށަހަޅާނެއެވެ. އެ ރިޕޯޓް ލިބުމާ އެކު ލަސްނުކޮށް ފައިނަލްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖޮއިންޓް ކޮމިޓީން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ 281 ފަރާތެއްގެ ނަމާއި މައުލޫމާތު އެސެޓް ރިކަރަވީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ. އެ ލިސްޓް ދިރާސާކުރަން 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އެކުލަވައިލި ޖޮއިންޓް ކޮމިޓީން ފުރަތަމަ ނިންމީ ލިސްޓްގެ ސިއްރުކަން ހިފެހެއްޓުމަށާއި މަސްލަހަތު ފުށުއަރާ މެމްބަރުން ކޮމިޓީގަައި ނުތިބުމަށެވެ. އެހެންކަމުން ދެ ކޮމިޓީން ވެސް ބައެއް މެމްބަރުން ވަކިވެވަޑައިގަތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!