ސަރުކާރު އޮފީސްތައް މިމަހުގެ 22 އާ ހަމައަށް ބަންދު

މާލެ ސަރަހައްދުގައި ހިންގާ ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ގޭގައި މަސައްކަތްކުރާ މުއްދަތު މި މަހުގެ 22 އާއި ހަމައަށް ދަންމައިލައިފިއެވެ.
ރާއްޖޭގެ ކޮވިޑު-19 ގެ ހާލަތު ގޯސްވުމުން، ބަލި ކޮންޓްރޯލު ކުރުމުގެ ގޮތުން ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ގޭގައި ތިބެގެން ކުރާ ގޮތަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކުރިން ނިންމެވީ އަންނަ ހޮނިހިރު ދުވަހާ ހަމައަށެވެ. ނަމަވެސް އެއް ހަފުތާ އިތުރުކޮށް، އެ މުއްދަތު އަންނަ ހަފުތާއާ ހަމައަށް މިއަދު ވަނީ ދަންމައިލައިފައެވެ.
ރައީސް އޮފީހުން ބުނީ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ކުރުމާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށް ރައީސް ޞާލިޙް އަންގަވާފައިވާ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ އިދާރާތަކުން އަސާސީ ހިދުމަތްތައް ދިނުމަށާއި އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރަން މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ އެ އިދާރާގެ އިސްވެރިޔަކު ކަނޑައަޅާ ގޮތުގެ މަތިން މުވައްޒަފުން ހާޒިރުވެގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.