ދުނިޔެ

މީޑިއާ ޓަވަރަށް ދިން ހަމަލާ: "އެދުނީ އިތުރު 10 މިނެޓަށް، އެކަމެއް ނުކޮށްދިން، ﷲ އަހަރެމެންނަށް ބަދަލު ދެއްވާނެ"

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އިސްރާއީލުން ބިމާ ހަމަކޮށްލި މީޑިއާ ޓަވަރ

"އެއީ އަހަރެންގެ މުޅި އުމުރުގެ މަސައްކަތް. އަހަރެންގެ މުޅި އުމުރު ދުވަހުގެ ހަނދާންތައް. އަހަރެން ފޯން މިބާއްވަނީ، ހަދާނެ އެއްޗެއް ހަދާ. ﷲ ވޮޑިގެން ވަނީ އަހަރެމެންނާ އެކު. އެކަލާނގެ އަހަރެމެންނަށް ބަދަލު ދެއްވާނެ"

Ads by Sosun Fihaara

މަތީގައި އެވާ ބަސްކޮޅަކީ، އިސްރާއީލުގެ ހައްދު ފަހަނަ އަޅައިފައިވާ ސިފައިން އިސްރާއީލުގެ މީޑިއާ ޓަވަރަށް ދިން ހަމަލާގެ މިނެޓް ކޮޅެއް ކުރިން، އެ އިމާރާތުގެ ވެރިޔާ އިސްރާއިލުގެ އިންޓެލިޖެންސް އިދާރާއަށް ގުޅައިފައި ބުނި ބަސްކޮޅެކެވެ. މިހެން އޭނާ ބުނެފައި ވަނީ، ރޮކެޓް ހަމަލާ 10 މިނެޓަށް ލަސްކޮށްދޭން އެދުމުން، އިސްރާއިލުގެ ސިފައިން އެކަން ކޮށްދޭން ދެކޮޅު ހެދުމުންނެވެ.

އަލް-ޖަޒީރާ އަދި އެސޯސިއޭޓް ޕްރެސް ހުންނަ އިމާރާތަށް އިއްޔެ އިސްރާއީލުގެ ސިފައިން ހަމަލާދީ 11 ބުރީގެ އެ އިމާރާތް ބިމާ ހަމަކޮށްލާފައިވެއެވެ. އިސްރާއީލުން އެ އިމާރާތް ހުސްކުރަން ދިނީ 1 ގަޑިިއިރެވެ.

އަލް ޖަރީޒާގެ ނޫސްވެރިޔާ ޔުމްނާ އަލް-ސަޢީދު އިއްޔެ ކަން ހިނގިގޮތް ކިޔައި ދިނެވެ.

"އަހަރެމެންނަށް ދިނީ 1 ގަޑިއިރު. ވަރަށް އަވަސް އަރުވާލާފަ ބެލިން އަތު ޖެހުނު އެއްޗެއް ގެންދެވޭތޯ. 11 ބުރީގެ އިމާރާތެއް ކަމުން، ވަރަށް ގިނަ ބަޔަކު ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގެއިން ނިކުންނަން ޖެހުނު." ޔުމްނާ ކިޔައިދިނެވެ.

ޔުމްނާ ކިޔައިދިން ގޮތުގައި ލިފްޓް ބޭނުން ކުރީ ކުޑަކުދިންނާއި މުސްކުޅިން އިމާރާތުން އަވަހަށް ބޭލުވުމަށެވެ. ނަމަވެސް އިމާރާތުގައި ގިނަ އަދަދަކަށް މީހުން ދިރިއުޅޭތީ، އަދި ގިނަ އަދަދެއްގެ ސާމާނު ބާލަން ޖެހޭތީ ވަރަށް ދަތިވި ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެން ވެސް ކެމެރާ ނޫން އެހެން ހުރިހާ އެއްޗެއް އޮފީހުގައި ބަހައްޓައިފައި ދިޔައީ އިމާރާތުން މީހުން ހުސްކުރަން އެހީވާން. ގިނަ ބަޔަކު ތިބީ ޝޮކެއްގައި، ހަދާނެ ގޮތެއް ނޭނގިފައި" ޔުމްނާ ކިޔައިދިން ގޮތުގައި އޭނާ ވެސް އުޅުނީ ކުޑަކުދިން އުރައިގެން އިމާރާތް ހުސްކުރަން ކަމަށެވެ.

ޔުމްނާ އިތުރަށް ބުނެފައި ވަނީ އެއިމާރާތުގައި ގިނަ އަދަދަކަށް ކުޑަ ކުދިން އުޅޭ ކަމަށާއި އަދި ބައެއް މީހުންގެ ، 3 އަހަރުން ދަށުގެ 2 ކުދިން ވެސް ތިބޭ ކަމަށެވެ. މިހެންވެ، އެކުދިން ގޮވައިގެން ފައިބަން އުދަގޫވި މީހުންނަށް ޔުމްނާގެ ޓީމުން ވަނީ އެހީތެރިވެދީފައެވެ.

މީހުން އިމާރާތުުން ހުސްކޮށް، އިމާރާތުގައި ހުރި ނޫސްވެރި ކަމަށް ބޭނުން ކުރާ އާލާތްތައް ބަލާދާން ވެގެން ދިޔައިރު، އިމާރާތް ހުސްކުރަން އިސްރާއީލުން ދިން މުހުލަތު ހަމަވެފައިވާ ކަމަށް ޔުމްނާ ކިޔައިދިނެވެ.

"އަހަރެމެންގެ މުޅި އުމުރު ދުވަހުގެ މަސައްކަތް އެތާންގަ ހުރީ، ނުނިމި ހުރި ޕްރެޖެކްޓްތަކުގެ ފައިލްތަކާއި ކެމެރާތަކާއި ބްރޯޑްކާސްޓް ކުރަން ބޭނުން ކުރާ އާލާތްތައް ވެސް. އޭޕީ ޕްރެސް މީހުން ގުޅި އިސްރާއީލުގެ މަތީ ފަރާތްތަކަށް ވެސް ، ބުނި އިމާރާތް ހުސްކުރަން އަދި ކުޑަ ވަގުތު ކޮޅެއް ދޭށޭ. އެންމެ 10 މިނެޓަސް ރަނގަޅޭ. އެކަމަކު އެމީހުން ބުނީ ލަސް ކުރެވެން ނެތް ކަމަށް" އަލް-ޖަޒީރާއަށް ދިން އިންޓަރވިއުއެއްގައި ފެންކަޅިވެ ހުރެ ޔުމްނާ ކިޔައިދިނެވެ.

ހަމާސް ޖަމާއަތުގެ އިންޓެލިޖެންސް ބައެއް ތިބި ކަމަށް ބުނެ އިސްރާއީލުން ބިމާ ހަމަކޮށްލި ފަލަސްތީނުގެ މީޑިއާ ޓަވަރުގައި މި ދެ އޮފީހުގެ އިތުރުން 60 އެޕާޓްމެންޓްގައި އާއްމުން ދިރިއުޅެމުން ދެއެވެ. މި އެންމެން މިވަގުތު ތިބީ ވަންވާނެ ތަނެއް ނެތި މަގުމަތިވެފައެވެ.

އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިސައިލް ހަމަލާ ފޮނުވުމުގެ ކުރިން އިމާރާތުގެ ވެރިޔާ ޖަވާދު މަހްދީ އިސްރާއީލުގެ އިންޓެލިޖެންސްގެ އިސް ފަރާތްތަަކަށް ގުޅިއެވެ. އަދި 10 މިނެޓް ދިނުމަށް އާދޭސް ކުރިއެވެ. އެއީ އެތަނުގައި ހުރި މީޑިއާތަކުގެ ކެމެރާތައް ބަލާ ދިއުމަށް ކަމަށް އަލް-ޖަޒީރާއިން ރިޕޯޓް ކުރެއެވެ.

"މަހްދީ އަހަރެމެން ކައިރީ ހުރެފަ ގުޅީ. އަހަރެންނަށް އެހީވާން އޭނާ ކައިރީގައި ހުރި، އޭނާ ގުޅާފަ ބުނިން މިކުދިންނަށް 10 މިނެޓް ދޭށޭ. ދެތިން މީހަކު އިމާރާތުގެ ތެރެއަށް ފޮނުވާލަދޭށޭ. އޭރުން އަހަރެމެން ބްރޯޑްކާސްޓް ކުރަން ގެންގުޅޭ ކެމެރާތައް ނެރެވޭނެ ކަމަށް އިސްރާއީލްގެ ސިފައިން ކަައިރިގައި އޭނާ ބުނި." ޔުމްނާ ކިޔައިދިނެވެ.

ނަމަވެސް ސީދާ 1 ގަޑިއިރުގެ މުހްލަތެއް ދިނުމަށް ފަހު އިސްރާއީލުން ވަނީ މި އިމާރާތް ބިމާ ހަމަކޮށްލާފައެވެ. މިކަން ގިނަ ބަޔަކު ޤަބޫލު ކުރަނީ މީޑިއާތަކަށް ދިން ހަމަލާއެއްގެ ގޮތުގައެވެ. އިސްރާއީލުގެ ލާއިންސާނިއްޔަތުކަން ދުނިޔެއަށް ދެއްކުމަށް މީޑިއާތަކުން ކުރާ މަސައްކަތަށް ދިން ހަމަލާއެއްގެ ގޮތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!