ކޮވިޑް-19: 100 ވަނަ މަރު، ޑޮކްޓަރުންގެ އިންޒާރު އާންމުންނަށް

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ. މިއާއެކު މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 100އަށް އަރާފައެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއީ ފާއިތުވީ ހަތަރު ދުވަސް ތެރޭ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 14 ވަނަ މީހާއެވެ. އަދި މި ބަލީގައި މިމަހު ނިޔާވި 26 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން.! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެފައިވާ ކަމާއި މިއީ މިބަލީގައި ނިޔާވި 100 ވަނަ މީހާކަން އެޗްއީއޯސީގެ ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އަލީ ވެސް ވަނީ ވިދާޅުވެފައެވެ.
ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ ފައްސިވަމުން އަންނަ އަދަދުތައް މަދުނުވާ ކަމަށާއި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކަމަށެވެ.