އަނބިމީހާގެ ކުއްލި މަރާއެކު ސުހައިލްގެ ޙަޔާތަށް ފަޅުކަމާއި ބީރައްޓެހިކަން
"އަންހެނުންގެ ހިތް ހުއްޓިއްޖެ"
ޑޮކްޓަރު ބުނި މި ލަފްޒުތަކުން ސުހެއިލްއަށް ހީވީ ކަންފަތް ދޮށުގައި ބާރު ގުގުރިއެއް ޖެހިހެންނެވެ. އޭނާގެ ހަމަޖެހުން ނަގައިލައި ސިކުނޑި ފަޅުކަމެއްގެ ތެރެއަށް ދިޔައީ ޑޮކްޓަރު ބުނި އެއްޗެއް އޭނާއަށް ގަބޫލުކުރަން ދަތި ވުމުންނެވެ. ލިބުނު ސިހުމާއެކު ، ޑޮކްޓަރު ބުނި ބަސްތައް ފަހުމު ނުވެ ސުހެއިލްއަށް ތަކުރާރުކޮށް ޑޮކްޓަރުގެ ގާތުގައި ސުވާލު ކުރެވުނީ އެ ވާހަކަ އޭނާއަށް ގަބޫލުކުރަން ދަތިވެ އިތުރަށް ސާފު ކުރަން ބޭނުން ވުމުންނެވެ.
"ތި ބުނާ އެެއްޗެއް ސާފުކޮށް ބުނެބަލާށޭ" ބުނެ ސުހެއިލް ތަކުރާރުކޮށް ކުރަމުން ދިޔަ ސުވާލުތަކަށް ލިބުނު ޖަވާބުން އޭނާގެ ޙަޔާތް އެކަނިވެރިވެއްޖެއެވެ. ދިރިއުޅުން ބީރައްޓެހި ކުރުވައިފިއެވެ.
"އަންހެނުން މަރުވެއްޖެ!"
އޭގެ ދެ ދުވަސް ކުރިން އޭނާގެ ގާތުގައި ހެޔޮ ހާލުގައި ހުރި ދެ ލޯ ފަދަ އަނބިމީހާ ﷲގެ ތަނަވަސް ރަހުމަތަށް ދަތުރު ކުރީއެވެ.
އެ ވަގުތަކީ މިވީ 12 އަހަރު ދުވަހުގެ ތެރޭގައި އޭނާގެ ލޯބިވާ އަންހެނުންނާއެކު ބިނާ ކުރި ދިރިއުޅުން ފުނޑުފުނޑުވެ އެ ފުށް މި ފުށަށް ޖަހައިލި ޚަބަރު ލިބުނު ވަގުތެވެ. އުމުރުން 34 އަހަރުގެ މުޙައްމަދު ޞުހައިލްގެ ޙަރަކާތް ހުއްޓި ސިކުނޑި ހުސްކަމަކަށް ގެންދިޔަ ވަގުތުކޮޅެވެ.
ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު މީހާ ކަމަށްވާ އުމުރުން 30 އަހަރުގެ ޢާއިޝަތު މިޒުނާގެ ވާހަކަ ސުހައިލް "ދެން"އާ ހިއްސާ ކުރީ ރޮމުން ގިސްލަމުންނެވެ. ހިނދެމުން ހުއްޓެމުންނެވެ.
ސުހެއިލްއާއި މިޒްނާގެ ކައިވެނި
ސުހެއިލް އާއި އޭނާގެ އަންހެނުން ޢާއިޝަތު ބައްދަލުވީ މީސްމީޑިއާއިންނެވެ. މެސެޖުގެ ޒަރީޢާއިން ދެމީހުންގެ ގުޅުން ބަދަހިވެ އެ ގުޅުން ލޯތްބަށް ބަދަލުވީއެވެ.
ސުހެއިލްއާއި މިޒްނާ ކައިވެނި ކުރީ މީގެ 12 އަހަރު ކުރިންނެވެ. އެ ދެމަފިރިންގެ ދިރިއުޅުން އިތުރަށް ރޯޝަން ކޮށްދިނީ އެ ދެމަފިރިންގެ ހަޔާތަށް މަރުހަބާ ކީ ދެ ދަރިންނެވެ. ލިބުނު 2 ކުދިންނަކީ އަންހެން ކުދިންނެވެ. ބޮޑު ކުއްޖާއަށް މިހާރު 11 އަހަރުވެފައިވާ އިރު ކުޑަ ދަރިފުޅުގެ އުމުރަކީ 06 އަހަރެވެ.
ފާއިތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ވެސް މި ދެމަފިރިން އުޅެމުން އައީ އުފާވެރި ހަޔާތެކެވެ. ހަޔާތުގެ މަޤްސަދަކަށް ވެފައި އޮތީ އެ ދެމަފިރިންނަށް ﷲ ތަޢާލާ ދެއްވި އަމާނާތަށް ރައްކާތެރިވުމެވެ. ހެޔޮ މަގުގައި އެ ދަރީން ތަރުބިއްޔަތުކޮށް ތަޢުލީމު ދިނުމެވެ. އެ ދަރީންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމެވެ.
މިޒްނާ ބަލިވުން
ބަރަކާތްތެރި ރަމަޟާން މަސް ވެސް ސުހެއިލްއާއި އޭނާގެ އާއިލާއިން ހޭދަކުރީ އުފާވެރިކަމާއެކުގައެވެ. އޭނާގެ އަންހެނުންނަކީ އޭނާއަށް ހެޔޮ އަނތްބެކެވެ. ދަރީންނަށް ޚިދުމަތް ކުރުމަކީ އޭނާގެ މުނިފޫހި ފިލުވުމެވެ. ފޫހިކަމެއް ނެތި ފަޚުރާއެކު އޭނާގެ ކޮންމެ ދުވަހެއްގެ މަސައްކަތެވެ.
ދުޅަހެޔޮ ޞިއްޙަތެއްގައި ދުވަސްތައް ގުނަމުން ދިޔަ މިޒުނާ މިވީ 12 އަހަރު ދުވަހުގެ ތެރޭގައި ވެސް ބައްޔެއް ވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެއް ނުވެއެވެ. ސުހައިލް ، މިޒްނާ ގޮވައިގެން ހޮސްޕިޓަލަށް ވަނީ ވެސް ދެ ދަރީންނަށް މަރުޙަބާ ކިޔުމަށެވެ. މިޒްނާގެ ދެ ދަރީން ވެސް އުފަންވީ ސިޒޭރިއަން ހަދައިގެންނެވެ.
ރޯދަ މަސް ނިމި ޢީދު ދުވަހު އަރައިގެން އައި އިރުގެ ދޯދިން ވެސް ސުހައިލްގެ ހަޔާތަށް ގެނުވީ އަލިކަމެވެ. އުފާވެރިކަމެވެ. އިރުގެ ދޯދިތަކުގެ ފަހަތުން، ބަނަވިލާތަކެއް އޭނާގެ ހަތަރު އުދަރެސް ކަޅުކުރަމުން ދިޔަކަމުގެ ހިލަމެއް ވެސް ސުހައިލްއަކަށް ނެތެވެ.
އުފާވެރި އީދު ދުވަހު ވެސް މިޒްނާ ގޭތެރޭގައި ކުދިވެރިންނާއެކު ހީ ސަމާސާކޮށް މަޖާކޮށް އުޅުނެވެ. އީދު ދުވަހު ކައްކައި އާއިލާއާ އެކު ވަގުތު ވެސް ހޭދަކުރިއެވެ. މިޒްނާގެ ނޭވާއަށް އުނދަގޫވާން ފެށީ އެ ރޭގެ ވަގުތެއްގައެވެ. ނޭވާއަށް އުނދަގޫވާން ފެށުމުން ސުހެއިލް އޭނާ ގޮވައިގެން ވަގުތުން ހޮސްޕިޓަލަށް ދިޔައެވެ. ހުޅުމާލޭ ހޮސްޕިޓަލަށް އަންހެނުން ގެންދެވުމާއެކު އަންހެނުންނަށް އޮކްސިޖަން ގުޅިއެވެ.
"އެ ރޭ ފަތިހު އާލީ މޯނިންގަ އަހަރެމެންނަށް ކޮވިޑް ރިޒަލްޓް ލިބުނީ. ދެން ބަދަލުކުރީ މިކޮޅު (ހުޅުމާލެ) ކޮވިޑް ފެސިލިޓީއަށް. އިތުރުތާކަށް ގެންދާކަށް އަހަރެމެންނަކަށް އޮޕްޝަނެއް ނުދޭ." އަންހެނުން ކޮވިޑް-19އަށް ފައްސިވެ ކަންތައް ހިނގި ގޮތް ސުހެއިލް ކިޔައިދިނެވެ.
މިޒްނާ އައިސީޔޫއަށް
މިޒްނާ ކޮވިޑް ފެސިލިޓީއަށް ގެންދެވުމާއެކު ސުހެއިލްއަށް އޭނާގެ އަނބިމީހާ ލޯމަތިން ގެއްލުނީއެވެ. އާއިލާގެ އެންމެންނާ ވެސް ވަކީން ، މިޒްނާ އޮންނަން ޖެހުނީ ކޮވިޑް ފެސިލިޓީގައެވެ. އެ އެކަނިވެރިކަމުގައި މިޒްނާއަށް އޭނާގެ ފިރިމީހާއާ ވާހަކަ ދެކެވުނީ ވައިބާއިން ވީޑިއޯ ކޯލް ކޮށްގެންނެވެ. އާއިލާގެ މީހުންނާއި ލޯބިވާ ދެ ދަރީންގެ މޫނު ވެސް ފެނުނީ ފޯނުގެ ސްކްރީނުންނެވެ.
"15 ވަނަ ދުވަހުގެ ރޭ އިރާކޮޅު ބުނީ އައިސީޔޫއަށް ގެންދަނީއޭ. ދެން ގޭ އެންމެންނަށް ވެސް ވީޑިއޯ ކޯލު ކޮށްފަ، އޭރު އަނެއްހެން އަޅާފަ އިން މާސްކުގެ ސަބަބުން އަޑެއް ބޭރެއް ނުވޭ. ދެން އަތުން ވާހަކަ ދައްކާފަ ބުނި މިހާރު އައިސީޔޫއަށޭ މިގެންދަނީ. ނޭނގެއޭ ވާހަކަ ދެއްކޭނެ ކަމެއް" ސުހައިލް ހާސްވަމުން ދިޔަ ވަގުތުތައް އޭނާ ސިފަކޮށްދިނެވެ.
އައިސީޔޫއަށް ގެންދިއުމަށް ފަހުގައި ވެސް އެރޭ މެންދަމު 1:30ހާއިރު މިޒްނާ ސުހައިލްއަށް ގުޅައި ، އުއްމީދު އާކޮށްދިނެވެ. ދަރީން ކައިފިތޯ ނިދައިފިތޯ ބަލައި ހެދިއެވެ.
އަންހެނުންގެ މަރުގެ ޚަބަރު، ގަބޫލު ކުރަން ވެސް ދަތި
ނިދައިފައި އޮއްވާ އެރޭ މެންދަމު ތިންގަޑި ބައިވި ފަހުން ސުހައިލަށް ފޯނަށް ކޯލެއް ލިބުނެވެ. އެންމެ ފުރަތަމަ ފޯނު ރިންގުވެ ކެނޑުނު އިރު ވެސް ސުހެއިލްއަށް ހެއެއް ނުލެވުނެވެ. އެހެންކަމުން އެ ކޯލު މިސްވީއެވެ. ދެވަނަ ފަހަރަށް ގުޅުމުން ސުހެއިލް ފޯނު ނެގިއެވެ. ހޮސްޕިޓަލުން ވާހަކަ ދެއްކީ ޑޮކްޓަރެކެވެ.
" އަންހެނުން މިހެން މިހެން ވެގެން ޕަންޕު ކުރަން ވެގެނޭ މިގުޅީ. ޕަންޕު ކުރަން ވެއްޖިއްޔާ އެހާލަތުގައި އަޅުގަނޑަށް ގުޅާކަށް ނުޖެހޭނެއޭ. ފެސިލިޓީގެ ބެލުމުގެ ދަށުގައި އޮތް މީހެއްގެ ފަރުވާ ދޭން އަޅުގަނޑުގެ ހުއްދަ ހޯދާކަށް ނުޖެހޭނެއޭ" ކަންތައް ހިނގައިދިޔަ ގޮތް ސުހައިލް ކިޔައިދިނީ ނުތަނަވަސްކަމާއެކުގައެވެ.
އެ ވަގުތުން ފަށައިގެން ޑޮކްޓަރު ސުހެއިލަށް ގުޅަމުން ދިޔައެވެ. އަދި އަންހެނުންގެ ހާލު ސުހެއިލަށް އޮޅުން ފިލުވައިދެމުން އަދާހަމަ ކުރަމުން ދިޔައެވެ. އެވަގުތު ސުހެއިލަށް ކުރެވެމުން ދިޔައީ ތަފާތު އިހްސާސެކެވެ. ހާސްވެ ކަންބޮޑުވެ ގޮތް ހުސްވެފައިވާ ހާލު އޭނާ ދިޔައީ ލޯބިވާ އަންހެނުންނަށް ހެޔޮ ދުއާ ކުރަމުންނެވެ. އަންހެނުންނަށް ދެރަގޮތެއް ނުވާނޭ ކަމަށް އުއްމީދު ކުރާ ހާލުގައެވެ.
ސުހެއިލްގެ ހަމަޖެހުން ގެއްލިފައިވާ ހިތުގައި އިތުރު ހައިޖާނުތަކެއް އުފެދި މުޅި މީހާ ސިހިގެން ދިޔައީ އެ ރޭ ގާތްގަނޑަކަށް 4:30 އެހާއިރު ޑޮކްޓަރު ބުނި ވާހަކައަކުންނެވެ. ޑޮކްޓަރު ބުނީ އޭނާގެ އަންހެނުންގެ ހިތް ހުއްޓިއްޖެ ކަމަށެވެ. ޑޮކްޓަރުން ކުރި މަސައްކަތުން ވެސް ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށެވެ.
އެ ވާހަަކަ ސުހެއިލަކަށް ގަބޫލެއް ނުކުރެވުނެވެ. ލޯބިވާ އަނބިމީހާ އޭނާ ދޫކޮށް އެހައި އަވަހަށް ގޮސްފާނެކަން ގަބޫލުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ، އެހެންކަމުން ޑޮކްޓަރުގެ ގާތުގައި އެބުނާ އެއްޗެއް އިތުރަށް އޮޅުން ފިލުވައި ދިނުމަށް އޭނާ ތަކުރާރުކޮށް އެދުނެވެ.
" އަޅުގަނޑު ބުނިން ކީކޭހޭ ތި ކިޔަނީ. ބުނީމަ އަނެއްކާ ވެސް ބުނީ ހިތް ހުއްޓިއްޖެޔޭ. ތިންވަނަ ފަހަރަށް ބުނީމަ ވެސް އަޅުގަނޑު ބުނިން ރީއްޗަށް ބުނެބަލާށޭ ތި ބުނާ އެއްޗެއް އަޅުގަނޑަކަށް ނޭނގެއޭ. ބުނީމަ ބުނީ އަންހެނުން ނިޔާވެއްޖެއޭ. މަރުވީ އޭ" ސުހެއިލްގެ ހިތް ކުދިކުދިކޮށްލި ފޯން ކޯލްގެ ވާހަކަ އޭނާ ކިޔައިދިނީ ރޮމުން ގިސްލަމުންނެވެ.
އަންހެނުންގެ އެންމެ ފަހު ފޯން ކޯލް
މިޒުނާ ނިޔާވުމުގެ ދެތިން ގަޑިއިރު ކުރިން އޭނާގެ ފޯނު ކޯލެއް ސުހެއިލަށް ލިބުނެވެ. ސުހައިލް ބުނެދިން އެ ތާރީޚާއި ވަގުތު އޭނާގެ ހިތުގައި ކަނޑައިނަގައިވާކަން އެނގުނީ ފޯންގެ ލޮގު ދައްކައިލައި ، ސީދާ ވުމުންނެވެ. އެރޭގޭ 1:28އަކީ ސުހައިލްގެ ކަންފަތުގައި މިޒުނާގެ އަޑު ޖެހުނު އެންމެ ފަހު ވަގުތެވެ. އަންހެނުންނާ ވާހަކަ ދައްކައިލަން ސުހެއިލަށް ލިބުނު ފަހު ފުރުސަތެވެ. އަންހެނުންގެ ވަދާއީ ފޯނު ކޯލެވެ.
"އެގަޑީގަ ވާހަކަ ދައްކާފަ ބުނި ޑޮކްޓަރުން ބުންޏޭ ރަނގަޅިއްޔާ 5 ވަރަކަށް ދުވަސް ތެރޭ ގެއަށް ދޫކޮށްލާނަމޭ، އޮކްސިޖަން ލެވެލް ވެސް އެގަޑީގަ ރަނގަޅޭ" އަންހެނުންނާ އެންމެ ފަހުން ދެކެވުނު ވާހަކަތައް ފެންކަޅިވެފައިވާ ހާލު ސުހެއިލް "ދެން"އަށް ކިޔައިދިނެވެ.
އަންހެނުންގެ ވަސިއްޔަތް، ދަރިން ރަނގަޅަށް ބަލާތި! އެ ކުދީން ދޫކޮށްފައި ނުދާތި
މިޒުނާ ނިޔާވި ރޭ އިރާކޮޅު ސުހެއިލަށް އޭނާއާ ވާހަކަ ދައްކައިލުމުގެ ފުރުސަތު ލިބުނެވެ. އެވަގުތުގައި ވެސް މިޒުނާ ބޭނުންވީ ވީޑިއޯ ކޯލުން އޭނާގެ ލޯބިވާ ދެ ދަރީންގެ މޫނު ދެކިލާށެވެެ. އެ ދަރީންނާއެކު ވަގުތު ކޮޅެއް ހޭދަކޮށްލާށެވެ.
ދަރީންނާ ވީޑިއޯކޯލަކުން ބައްދަލުވެ ހިނިތުންވެ އޮވެ މިޒްނާ އެ ކުދިންނާ ވާހަކަ ވެސް ދެއްކިއެވެ. އެކުދީންގެ ވާހަކަތައް އަޑު އެހިއެވެ. އަދި އެ ވަގުތު އޭނާ ސުހެއިލަށް ވަސިއްޔަތެއް ކުރިއެވެ. އެއީ މިޒްނާގެ އާޚިރު ވަސިއްޔަތަށް ވެދާނެ ކަމަށް ސުހައިލަށް ވިސްނައިލާން ވެސް ނޭނގުނެވެ. ތަގުދީރުގެ ނިޔާ ވަންހަނާވާތީއެވެ.
"ދަރީން ދޫކޮށްފައި ނުދައްޗޭ. ދަރީންނަށް ރަނގަޅަށް ބަލައްޗޭ. އެހެން ބުނީ"
ގިސްލަމުން ދިޔަ ސުހައިލަށް އަންހެނުންގެ ވަޞިއްޔަތް ތަކުރާރު ކޮށްލެވުނީ އަޑު ތުރުތުރު އަޅާތީ ލަސްލަހުންނެވެ.
ދަރީންނަށް ލިބިފައި ވަނީ ކުއްލި ސިހުމެއް! ދަރީންގެ ސުވާލުތަކުން ސުހައިލްގެ ހިތް ފަޅައިގެންދޭ!
ސުހެއިލް އާއި މިޒްނާއަށް ލިބިފައިވާ ދެ ކުދިން ވެސް ތައުލީމް ހާސިލު ކުރަމުން އަންނަނީ ހުރަވީ ސުކޫލުގައެވެ. ބޮޑު ކުއްޖާއަށް 11 އަހަރުވެފައި ވުމުން އޭނާއަށް މިހާރު ވާނުވާ އެނގެއެވެ. ލޯބިވާ މަންމަގެ ފިރުމުންތައް އަބަދުގެ އަބަދަށް ގެއްލުނީކަން އޭނާއަށް ގަބޫލު ކުރެވެއެވެ. ދަރިފުޅަށް މީރުވީހާ އެއްޗެއް ބަލައިގެން އެ އެއްޗެއް ކައްކައިދީ އަނގަޔަށް ލަވައިދޭން މަންމަ ނުހުންނާނެ ކަން އޭނާއަށް އެނގެއެވެ. ނިދާއިރު މަގަތުގައި މަންމަ ފިރުމާން ނޯންނާނެކަން އޭނާއަށް ޔަގީނެވެ. އޭނާގެ ކިތަންމެ ކުޑަ އިޝާރާތަކަށް ވިޔަސް އިޖާބަދޭ މަންމާއަށް ދެން ކިތަންމެ ބާރަށް ގޮވިޔަސް އަޑު ނީވޭނެކަން ދަނެއެވެ.
އެހެން ނަމަވެސް އުމުރުން އެންމެ ހަ އަހަރުގެ ކުޑަ ދަރިފުޅަށް މަންމައަށް ވީ ގޮތެއް މުޅީން ފަހުމެއް ނުވެއެވެ. ނިދާ ވަގުތުގައި ވެސް އެ މައުސޫމް ދަރިފުޅު ހޯދަނީ މަންމައެވެ. ގޭތެރޭގައި އޭނާއާއެކު ސަކަރާތް ޖަހާ މަޖާކޮށް ކުޅެ ހަދަން މަންމަ ނެތުމުން އެ ފަޅުކަން ، ޝަކުވާތަކަކަށް ބަދަލުވެއެވެ. މަންމަގެ ފިރުމުންތަކާއި މަންމަގެ ލޯތްބަށް ފެންބޮވައިގެންފައިވާ ތުއްތު ފުރާނަ މަންމަ ކޮބައިތޯ ކުރާ ސުވާލުން މުޅި މާހައުލު ހިމޭން ކުރުވައެވެ.
އެ ލޯބިލޯބި ދަރިފުޅުގެ މި ސުވާލުތަކުން ސުހެއިލްގެ ހިތް ކުދިކުދި ކުރެއެވެ. ހިތުގެ ރިހުން ގަދަވެއެވެ. އެ ސުވާލުން އުފެދޭ ޒަޚަމްތައް ސުހައިލްއަށް ކިތަންމެ ވަރަކަށް އަނިޔާ ކުރިޔަސް ، އޭނާގެ ހިތްވަރުގަދައެވެ. ދޭނޭ ޖަވާބެއް އެ ސިކުނޑީގައި ނެތް ނަމަވެސް ބުނާނެ ބަހެއް ދުލަށް ނައި ނަމަވެސް އަދި އެ މައުސޫމް ދަރިފުޅުގެ ސުވާލުތަކުން ސުހެއިލްގެ ލޮލުން ކަރުނަ ނީރާލި ނަމަވެސް އޭގެ އެންމެ ތިއްކެއް ވެސް ލޯ ދޫކޮށެއް ނުދެއެވެ. ދަރީންގެ ކުރިމަތީގައި އޭނާ ދައްކަން ބޭނުން ވަނީ ހިތްވަރެވެ. މިޒްނާގެ ވަޞިއްޔަތް އޭނާއަށް އެކަމަށް ހިތްވަރުދެއެވެ.
"އޭނާއަށް ވެސް އެނގޭ ދެން މަންމަ ނިޔާވެއްޖެކަން. މަންމަ ދެން ނާންނާނެ ކަން. ސަންދޯކަށް ލީ ހިސާބުން އޭނާއަށް އެނގިއްޖެ މަންމަ ދެން ނާންނާނެ ކަން. އެހިސާބުން އޭނާ ބަޑިފަޅައިގެން ދިޔައީ" ދަރީންނަށް ކޮށްފައިވާ އަސަރުތައް ސުހެއިލް ކިޔައިދިން އިރު އެ އަޑުގައި ވެސް ވަނީ މޮޅިވެރިކަމާއި މާޔޫސީކަމެވެ.
"އެވަރުގެ އަނތްބެއް ނުލިބޭނެ"
ސުހައިލްގެ 12 އަހަރުވީ ޒަވާޖީ ޙަޔާތުގެ ކޮންމެ ދުވަހަކީ ލޯބިވާ އަނބިމީހާއާ އެކީގައި ހޭދަ ކުރި ދުވަސްތަކެކެވެ. އަނބިމީހާއާ ވަކީން އޭނާ އެއްވެސް ތާކަށް ނުދެއެވެ.
މިޒްނާ އަކީ ހެޔޮލަފާ އަނތްބެކެވެ. ކައިވެނި ކުރީއްސުރެ ފަހު ނޭވާއާ ހަމައަށް ވެސް އޭނާ ސުހެއިލްގެ ޚިދުމަތުގައި ދެމިހުއްޓެވެ. ދަރީން ލިބުމަށް ފަހު ހުރިހާ ވަގުތެއް ވެސް ހުސްކުރީ ލޯބިވާ ދަރީންނަށް ޓަކައެވެ. އެ ދަރީންގެ ކުރިމަގަށް ޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް މިޒްނާ ކުރިއެވެ. އެ ދަރީންނަށްޓަކައި އުފުލަން ޖެހުނު ކޮންމެ ބުރައެއް އެއްވެސް ޝަކުވާއަކާ ނުލައި އޭނާ އުފުލިއެވެ.
"އެވަރުގެ އަނތްބެއް ނުލިބޭނެ" ރޮއެ ގިސްލެވެމުން ދިޔަ ހާލު ނުހަނު އުނދަގުލުން ސުހެއިލް ބުނެލިއެވެ.
މިއަދު ސުހެއިލަށް ބަރުދާސްތު ކުރަން ޖެހިފައިވާ ހިތާމައަކީ އޭނާއަށް ބަޔާން ކުރަން ދަތި އިހްސާސްތަކެކެވެ. ގެއަށް ވަންނަ ކޮންމެ ފަހަރަކު އަންހެނުންގެ އެ ލޯބިވެތި ހިނިތުންވުން އޭނާއަށް ހަނދާންވެއެވެ. ކޮޓަރިއަށް ވަނުމުން އަންހެނުންނާއެކު ހޭދަކޮށްފައިވާ ހިތްގައިމު ވަގުތުތައް އެހިތް ނުތަނަވަސް ކުރުވައެވެ. ލޯބިވާ ދަރީން ފެނުމުން ދެމަފިރިން އެކުގައި ދަރީންނާއެކު ހޭދަކޮށްފައިވާ އުފާވެރި ދުވަސްތައް ސިކުނޑީގައި ދައުރުވެއެވެ.
"ދަރީން ނިންދަވާފަ އަހަރެމެން ދެމީހުން ވަރަށް ގިނައިން އަންނަން މިތަނަށް. އައިސް މިތަނުން ކޮފީއެއް އެއްޗެއް ނަގައިގެން ތިބޭނީ. ދެން ދުއްވާލަން ދާނީ"
އިއްތިފާގަކުން ނަމަވެސް ސުހައިލްގެ ވާހަކަތައް އަޑު އަހައިލަން ދެވުނީ އެތަނެއްގައި މިޒުނާއާއި ސުހައިލްގެ ހަނދާންތައް ރައްކާކުރެވިފައިވާ ތަނަކަށެވެ.
ހެޔޮލަފާ ޚިދުމަތްތެރި ދަރިއެއް
ދަރިފުޅުގެ ވަކިވުމާއެކު މިޒްނާގެ މައިންބަފައިންނަށް ވެސް ލިބިފައިވަނީ އިންތިހާ ދަރަޖައިގެ ހިތާމަވެރިކަމެވެ. އެމީހުންގެ ޚިދުމަތުގައި ނަމޫނާއަކަށް ވީ ދަރިފުޅު ކުއްލިއަކަށް ވަކިވެ ދިޔުމަކީ އެ މީހުންނަށް ވެސް ގަބޫލުކުރަން ދަތި ކަމެކެވެ.
ސުހައިލް ބުނި ގޮތުގައި ރަމަޟާން މަހުގައި ވެސް މިޒްނާގެ ބައްޕަ ރޯދަ ވީއްލައިގެން މަޣްރިބް ނަމާދަށް ގޮސްފައި އެނބުރި ގެއަށް އަންނާން ދެން ވެސް ބައްޕައަށް ކާން ދިނުމަށް ބައްޕަގެ އިންތިޒާރުގައި ގޭގެ ބެލްކަނީގައި މިޒުނާ ހުރެއެވެ. ދަރީންގެ ކަންތައްތަކަށް އެނބުރުމުގެ ކުރީން ބައްޕަ ކައިގެން ހުރިކަން އޭނާ ޔަގީން ކުރެއެވެ. އެހެންކަމުން މިޒްނާ ނެތުމުގެ ފަޅުކަން ސުހެއިލާއި އޭނާގެ ދަރިންނާ އެއްވަރަށް މިޒްނާގެ މައިންބަފައިންނަށް އިހްސާސް ކުރެވެއެވެ. އެ މަންމަ އާއި ބައްޕައަށް މިއަދު އިހްސާސް ކުރެވެނީ ފަޅުކަމާއި ހުސްކަމެވެ. ކިޔަމަންތެރި ހެޔޮލަފާ ، ޚިދުމަތްތެރި ލޯބިވާ ދަރިއެއް އަބަދުގެ އަބަދަށް އަލްވަދާއު ކިޔުމުން އެ ލިބޭ ހިތާމައާ މޮޅިވެރިކަމެވެ.
ސުހެއިލާއި އޭނާގެ އަންހެނުން ދަރީންނާއެކު ދިރިއުޅެމުން ދިޔައީ އޭނާގެ އަންހެނުންގެ އާއިލާއާއެކުގައެވެ. އަންހެނުންގެ އެއްބަނޑު އެއްބަފާ ހުރިހާ ކުދިންނާ ވެސް އެކުގައެވެ. އަދި އަންހެނުންގެ އެއްބަފާ ދައްތަ ވެސް ދިރިއުޅުނީ ހުޅުމާލޭގައި އޭނާގެ ފިރިމީހާއަށް ލިބިފައިވާ ފްލެޓެއްގައެވެ.
މިއަދު އެ ދެމަފިރިންގެ ދަރިންނަށް އޯގާތެރިވެ އަޅާލަން ތިބީ އަންހެނުންގެ އާއިލާއެވެ. އަންހެނުންގެ އާއިލާއިން އެކުދިންދެކެ އިންތިހާއަށް ލޯބިވެއެވެ. ކިތަންމެހައި ވެސް ހެވެވެ. މަންމަ ނެތުމުގެ އުނިކަން އެ ކުދީންނަށް އިހްސާސްވިޔަ ނުދިނުމަށް އާއިލާއިން ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެނީ ހިތާއި ރޫޙުންނެވެ.
ސުހައިލް ދިރިއުޅުމާމެދު ކުރަމުން ދިޔަ އުއްމީދަކީ އަނބިމީހާއާ ދަރީންނާއެކު އަމިއްލަ ގެދޮރެއްގައި ދިރިއުޅުމެވެ. ނަމަވެސް އޭނާއަށް ލިބުނު ފްލެޓް ގެއްލުމުން ، ނުވަތަ އެ އުއްމީދު ފުރިހަމަ ނުކޮށްދެއްވި މިޒްނާއާ ވަކިވާން ޖެހުމަކީ ސުހައިލްގެ ހިތަށް ފުން އަސަރުތަކެއް ކުރުވާ ކަމެކެވެ.
މިޒްނާގެ ކުއްލި ވަކިވުމާއެކު ސުހައިލްގެ ހިތް ވަނީ ފަޅުވެފައެވެ. ދިރިއުޅުން ވަނީ ބީރައްޓެހިވެފައެވެ. އެކަނިވެރިވެފައިވާ އޭނާގެ ހަތަރު އުދަރެހުގައި ވަނީ ހުސްކަމެވެ. އޭނާގެ ހިތް ބުނާ ކަހަލައެވެ. ކަރުނައިގެ ތެރެއަށް ދޫކޮށްލާށެވެ. އިންޝާ ﷲ ، އެނބުރި އަންނާނަމެވެ. މާޔޫސްކަމުގައި ތެޅިތެޅި އޮތް ސުހައިލްގެ ހިތަށް މިއަދު ލިބޭ ތަސައްލީއަކީ އީމާންގެ ފޮނި ރަހައެވެ.
"ﷲ ދެއްވި ފުރާނައެއް ، ﷲ ގެންދަން އިރާދަ ކުރެއްވި ވަގުތެއްގައި ގެންދަވާނެ، އިރާދަ ކުރެއްވިއްޔާ އަހަރެން ދުނިޔޭގައި ހުރިހައި ދުވަހަކު ދަރީންނަށް ދެރަގޮތެއް ވިޔަކަ ނުދޭނަން ، އަންހެނުންގެ ވަޞިއްޔަތް ފުރިހަމަކޮށްދޭން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން"
ކިތަންމެ ވަރަކަށް ކަރުނަ ފޮރުވަން އުޅުނަސް ސުހައިލްގެ ބަޑި ފަޅައިގެން ދިޔައެވެ.
ވަރަށް ދެރަވެއްޖެ މި އާޓިކަލް ކިޔާފަ. ސުހައިލްއަށާ އާއިލާއަށް ކެއްތެރިކަން ދެއްވާށި. އަދި މަރްހޫމާއަށް ސުވަރުގެ މިންވަރު ކުރައްވާށި.
ރަނގަޅަށަްވެސް ރޮވިއްޖެ…
އާއިލާއަށް ކެއްތެރިކަން ދެއްވާށި
ރަނގަޅަށަްވެސް ރޮވިއްޖެ…
ށުހަލުއަށް ކެތްތެރިކަން ދެއްވާށި
ޝުހައިލްް އަށްް ކެއްތެރިކަންް ދެއްވާާ، މަރުހޫމްް ގެެ ފުރާނައަށްް ސުވަރުގޭގެެ ދާއިމީީ ނިޢުމަތްް މިންވަރުު ކުރައްވާށިި. އަދިި ދަރިންް ހެޔޮގޮތުގައިި ބަލައިި ބޮޑުކުރުމަށްް ކުރެވެންހުރިި ހުރިހާަ މަސައްކަތެއްް ކޮށްް ނަމޫނާާ ބައްޕައަކަށްް ވުމަށްް ޝުހައިލްް އަށްް ހިއްވަރުު ދެންް.
ދެރަވެއްޖެ.
މާތްﷲ މިޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި.
ސުހައިލްއަށާއި އާއިލާއަށް ކެތްތެރިކަންދެއްވާށި
އާމީން
ބުރޯ އަހަރުން އެންމެން މިތިބީ ބުރޯ އާއެކު، ކޮންމެދުވަހަކު ސަކަރާތް ޖަހާ ތާސްކުޅެ އުޅެމުން އައި އެކުވެރި ނައިސް ފުރެންޑެއް ތީ..