ރިޕޯޓް މެދުއިރުމަތި ދުނިޔެ

ފަލަސްތީނުގެ ތާރީޚް: އިސްރާއީލުގެ ދައުލަތް އުފެދިގެން އައިގޮތް!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަނގުރާމައަކީ ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި ވަރަށް ގިނަ ދުވަސްވީ ބޮޑު ހަނގުރާމައެކެވެ. ނަަމަވެސް ހަޤީޤަތަކީ މިއީއެއް ނޫނެވެ. ފަލަަސްތީނުގެ ބިމަށް އިސްރާއީލުގެ ޔަހޫދީން ވެރިވެގެންފައި ވަނީ މީގެ ގާތްގަނޑަކަށް 80 ވަރަކަށް އަހަރު ކުރިންނެވެ.

Ads by STELCO
Ads by Sosun Fihaara

ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުން އަންނަ ހަމަނުޖެހުމަށް ކަޅިއެއް ހިންގައިލާ ނަމަ ޖެހެނީ 19 ވަނަ ޤަރުނަށް ދާށެވެ. މިހާރު އިސްރާއީލުން ހިފައިފައިވާ ފަލަސްތީނުގެ ބިމުގައި އޭރު ވެރިކަން ކުރަމުން ދިޔައީ އުޘްމާނީ ޚިލާފަތުންނެވެ. ފަލަސްތީނު އަދި އިސްރާއީލުގެ ދައުލަތެއް އޭރަކު ނެތެވެ. އުޘްމާނީ ޚިލާފަތުގެ ރިކޯޑްތަކުން ދައްކާ ގޮތުގައި ފަލަސްތީނުގެ ބިމުގައި 1878 ވަނަ އަހަރު އުޅެފައި ވަނީ، %87 މުސްލިމުންނާއި %10 ނަޞާރާއިން (ކްރިސްޓިއަނުން) އަދި %3 ޔަހޫދީން (ޖޫސް)ނެވެ. އޭރު ފަަލަސްތީނުގެ ބިމުގައި ދިރިއުޅުނު އެންމެން ވެސް ވާހަކަ ދައްކަމުން ދިޔައީ ޢަރަބި ބަހުންނެވެ. ތާރީޚް ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެފައި ވަނީ ފަލަސްތީނުގެ ބިމުގައި އޭރު މުސްލިމުންނާއި ނަޞާރާއިން އަދި ޔަހޫދީން އުޅެމުން ދިޔައީ ހަމަޖެހުމާއި ރައްކާތެރިކަމާ އެކީގައެވެ.

ޞަހުުޔޫނީގެ ވިސްނުން

ޞަހުޔޫނީ ނުވަތަ ޒައިނިސްޓް ވިސްނުމަކީ، ޔަހޫދީންނަށް ވަކި ދަޢުލަތެއް އޮންނަން ޖެހޭ ކަމަށް ދެކޭ ވިސްނުމެވެ. މިވިސްނުން ފެށިގެން އައިސްފައި ވަނީ 19 ވަނަ ގަރުނުގެ ފަހުކޮޅުގައި ހުޅަނގުގެ ޤައުމުތަކުންނެވެ. ޞަހުޔޫނީ ވިސްނުން ފުރަތަމަ އުފަންވެފައި ވަނީ ޔަހޫދީ ނޫސްވެރިއެއް ކަމަށްވާ ތިއޮޑޯ ހާޒަލް އާހަމައިންނެވެ. ޞަހުޔޫނީންގެ ވިސްނުން ފުރަތަމަ ހުރީ ހުޅަނގު (ޔޫރަޕް) ގައި ހަމައެކަނި ނަޞާރާއިންނަށް ޚާއްސަ ދައުލަތެއް އުފެއްދުމަށެވެ. ނަމަވެސް މިއީ އުދަނގޫ ކަމެއްކަން ވިސްނި ތިއޮޑީ ހާޒަލް ވިސްނުން އެހިސާބުން ބަދަލުވީ ޔޫރަޕް ނޫން ވަކިން އެހެން ސަރަހައްދެއްގައި ޔަހޫދީންނަށް ޚާއްސަ ދައުލަތެއް އުފެއްދުމެވެ.

ޒައިނިޒަމްގެ ބައްޕަ - ތިއޮޑޯ ހާޒަލް

ފަލަސްތީނާއި އުޘްމާނީ ޚިލާފަތު ހިމެނޭ ސަރަހައްދު ހިސާރުކޮށް ބަހައިލާނޭ ގޮތް ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރޭވިގެން ދިޔައެވެ. މިގޮތުން ބޮޑު ހަނގުރާމައިގައި ނަޞާރާއިންގެ ވާގިވެރިކަން ހޯދުމަށް، އިނގިރޭސިން ވިލާތުން 1917 ވަނަ އަހަރު ނަޞާރާއިންނާ އެކު އެއްބަސްވުމަކަށް ދިޔައެވެ. މި އެއްބަސްވުމުގައި، ފަަލަސްތީނުގެ ބިމުގައި އިސްރާއީލަށް ދައުލަތެއް އުފެއްދުމަށް އިނގިރޭސިވިލާތުން އެހީތެރިވެދޭނެ ކަމަށް ބުނެފައިވެއެވެ. މިއެއްބަސްވުމަށް ބެލްފޯ ޑެކްލަރޭޝަންގެ ނަމުން ނަން ދެވުނެވެ.

ފަލަސްތީނުގެ ބިމުން ޔަހޫދީންނަށް ދައުލަތެއް ހެދުމަށް ބިން ދޭނެ ކަމަށް އިނގެރޭސި ވިލާތުން އެއްބަސްވި ނަމަވެސް އޭރު ފަލަސްތީނުގައި ވެރިކަން ކުރަމުން އައީ އުޘްމާނީ ޚިލާފަތުންނެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ނިމި އުޘްމާނީ ޚިލާފަތުގެ ނިމުން އަންނަން ދެން އެބިމުގައި ވެރިކަންކޮށްފައި ވަނީ އުޘްމާނީ ޚިލާފަތުގެ ރަސްކަލުންނެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ވިލާތުން ވަނީ ހަނގުރާމައިން މޮޅުވެއްޖެ ނަމަ ފަލަސްތީނުގެ ބިން 3 ބަޔަކަށް ދޭނެ ކަމަށް ވަޢުދުވެފައެވެ.

ޔަހޫދީންނާއެކު ވެވުނު ބެލްފޯ ޑެކްލަރޭޝަންގެ އަހަރެއް ކުރިން އިނގިރޭސިވިލާތުން ވަނީ ފްރާންސާ އެކު ވެސް މުއާހަދާއެއްގައި ސޮއި ކޮށްފައެވެ. ސިއްރުކޮށްފައި އޮތް މި މުއާހަދާގައި އަރަބި ދައުލަތްތަކުގެ ތެރެެއިން ފަލަސްތީންގައި ވެރިކަން ކުރާނީ ފްރާންސްއިން ކަމަށް އެއްބަސްވެފައި އޮތެވެ.

އޭގެ ކުރިން 1915 ވަނަ އަހަރު، އިނގިރޭސި ވިލާތުން ވަނީ އުޘްމާނީ ދައުލަތާ ޚިލާފަށް ތެދުވެއްޖެ ނަމަ އޭރު މައްކާގައި ވެރިކަން ކުރަމުން ދިޔަ ޝަރީފް ހުސެއިންނަށް ފަލަސްތީނުގެ ބިން ދެއްވާނެ ކަމަށް ވަޢުދުވެފައެވެ.

ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު

ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު ފަލަސްތީން އިނގިރޭސިވިލާތުގެ އަޅުވެތި ކަމަށް ގެނައެވެ. އަދި ފަަލަސްތީނުން އަމިއްލައަށް ވެރިކަން ކުރެވޭނެ ދަޢުލަތެއް ޤާއިމް ވަންދެން އެ ބިމުގައި އިނގިރޭސިން ވެރިކަން ކުރާނެ ކަމަށް އެމީހުން އޭރު ނިންމިއެވެ.

1920 އިން 1939 އާ ދެމެދު އެކި ޤައުމުތަކުން ފަލަސްތީނަށް ގިނަ އަދަދެއްގެ ޔަހޫދީން ވަނީ ހިޖުރަކޮށްފައެވެ. 1939 ވަނަ އަހަރު ފަލަސްތީނުގެ އާބާދީގެ %30 އަކީ ޔަހޫންދީން ކަމުގައިވިއެވެ. އޭރު ޔަހޫދީން ފަަލަސްތީނަށް އައިސް ފުރަތަމަ ބިން ގަތީއެވެ. ބިން ގަނެފައި ވަނީ ފަލަސްތީނުގެ ރައްޔިތުން ނޫން ފަލަސްތީނުގައި ބިން ހުރި އަރަބީންގެ އަތުންނެވެ. ބޮޑު އަގުގައި ބިންތައް ގަނެ، އެބިމުގައި ދިރިއުޅޭ ފަަލަސްތީން ރައްޔިތުން ބިންތަކުން ބޭރުކޮށްލިއެވެ.

އެ ދުވަސްވަރު ފަލަސްތީނާއި ޔަހޫދީންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ދައުލަތެއް ހެދުމަށް ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ 1936 ވަނަ އަހަރުގައެވެ. އެ އަހަރު ފަަލަސްތީނުގައި އޭރުވެރިކަން ކުރަމުން ދިޔަ އިނގިރޭސިވިލާތާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ނުކުތެވެ. ނަމަވެސް ނަޞާރާއިންގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ އެހީގައި އިނގެރޭސިން ވަނީ ފަލަސްތީނުގެ ރައްޔިތުން ބަލިކޮށްފައެވެ.

ފަލަސްތީނުން އުފެއްދި މިނިވަންކަމުގެ މޫމްމެންޓާއެކު، އިނގިރޭސި ވިލާތުން އާ ގަވާއިދެއް ހެދިއެވެ. އަދި ފަަލަސްތީނަށް ވަޒަންވެރިވުމަށް އަންނަ ނަޞާރާއިންގެ އަދަދު ހިފެހެއްޓުމަށް ނިންމިއެވެ. އަދި 10 އަހަަރު ތެރޭގައި އަރަބި-ނަޞާރާ ދައުލަތެއް ހެދުމުގެ ޚިޔާލު އިނގިރޭސި ވިލާތުން އުފަން ކުރުވިއެވެ.

ފަލަސްތީނުގެ ބިން ދެ ދައުލަތަކަށް

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިނގިރޭސި ވިލާތުން އެޤައުމުން ގެންގުޅެމުން އައި އަޅުވެތި ކުރުމުގެ ސިޔާސަތު ދޫކޮށްލިއެވެ. އެއަށްފަހު ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އުފަންވި، ޔުނައިޑެޓް ނޭޝަން (ޔޫއެން) އާ ފަލަަސްތީނުގެ މައްސަލަ ހަވާލު ކުރުމަށް އިނގިރޭސިން ނިންމިއެވެ.

1947ގައި ޔޫއެންއިން ފަލަސްތީނުގެ ބިމުގައި އަރަބިންނަށާއި ނަޞާރާއިންނަށް ވަކިން ދައުލަތްތައް ހެދުމަށް ނިންމިއެވެ. އަދި ފަަލަސްތީނުގެ ބިން ދެ ބަޔަކަށް ބަހައިލިއެވެ. ބިމުގެ ގޮތުން ފަލަސްތީނު އަދި އިސްރާއީލަށް އެއްވަރަށް ފަލަސްތީނުގެ ބިން ބަހައިލި ކަމުގައިވީ ނަމަވެސް ބިން ބެހި ގޮތާ މެދު ގިނަ ދެބަސްވުންތަކެއް ހުއްޓެވެ. ފަލަސްތީނުގެ ބިމުން އިސްރާއީލަށް ބައި އެޅުމަށް ނިންމި ނިންމުން ބަލައި ނުގަނެ ހަނގުރާމައަށް ދާން ނިންމިއެވެ. 1948 ގައި ފެށުނު އަރަބި-އިސްރާއީލް ހަނގުރާމައިން އަރަބި ދައުލަތްތަކުގެ މައްޗަށް ފަލަސްތީނުން ކުރި ހޯދިއެވެ. ނަމަވެސް 1949 ވަނަ އަހަރު ހަނގުރާމަ ނިމުނުއިރު، ޔޫއެންއިން ފަލަސްތީނުގެ ބިންތަކުގެ ތެރެއިން އިސްރާއީލަށް ދޭން ނިންމި ބިމުގެ 3 ގުނަ އިތުރަށް އިސްރާއިލް ހިފިއެވެ.

އިސްރާއީލުން އޭރު ހިޞާރު ނުކޮށް އޮތީ ފަލަސްތީނުގެ ބިމުން ދެ ބައެކެވެ. އެއީ ޣައްޒާއާއި ވެސްޓް ބޭންކެވެ. އަރަބި-އިސްރާއީލް ހަނގުރާމައަށް ފަހު ޣައްޒާގައި ވެރިކަން ކުރަމުން އައީ މިޞްރުންނެވެ. އަދި ވެސްޓް ބޭންކް ގައި ވެރިކަން ކުރަމުން އައީ ޖޯޑަން އިންނެވެ.

ނަކްބާ - 7 ލައްކަ ފަލަސްތީނު މީހުން އަމިއްލަ ގެދޮރުން ބޭރަށް

ނަކްބާ، އިނގިރޭސި ބަހުންނަމަ އެކްސޯޑަސްއަކީ ގަދަކަމުން މަޖުބޫރު ކުރުވައިގެން ގިނަ އަދަދެއްގެ ބަޔަކު އެމީހުންގެ އަމިއްލަ ބިމާއި ގެދޮރުން ނެރެލުމެވެ. ފަލަސްތީނުގައި ނަކްބާ ދުވަސް ފާހަަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. އެއީ އަރަބި-ފަލަަސްތީން ހަނގުރާމައަށް ފަހު އިސްރާއީލުން، ފަލަސްތީނުގެ އާއްމު ރައްޔިތުން ތެރެއިން 7 ލައްކަ އަށްވުރެ ގިނަ މީހުން އެމީހުންގެ އަމިއްލަ ގެދޮރުން ބޭރު ކުރި ދުވަހެވެ. ފަލަސްތީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި އަވައްޓެރި އަރަބި ޤައުމުތަކަށާއި ޣައްޒާއާއި ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކަށް ހިޖުރަ ކުރިއެވެ. ފަލަސްތީނުގެ ރައްޔިތުން ނަކްބާ ފާހަގަ ކުރަމުން ދަނީ އަލުން އަނބުރާ އެމީހުންނަށް ފަލަސްތީނުގެ ބިން ލިބޭނެ ކަމަށް އެމީހުން ޤަބޫލު ކުރާތީއެވެ.

6 ދުވަހުގެ ހަނގުރާމަ

އަމިއްލަ ގެދޮރުން ބޭރުކޮށް 18 އަހަރުވީ އިރު، އެއްވެސް ދައުލަތަކުން ފަލަސްތީނުގެ ރައްޔިތުންގެ ހައްްޤުގައި ނިކުމެފައެއް ނުވެއެވެ. އޭގެ ފަހުން 1967 ވަނަ އަހަރު އިސްރާއީލާ ދެކޮޅަށް އަނެއްކާ ވެސް އަރަބި ދައުލަތްތައް ހަނގުރާމައަށް ނިކުތެވެ. މި ހަނގުރާމައަށް 6 ޑޭސް ވާރ - (6 ދުވަހުގެ ހަނގުރާމަ) އިން ނަން ދެވުނެވެ. މި ހަނގުރާމަ ހިނގީ 6 ދުވަސް ވާންދެން ކަމަށްވާތީއެވެ.

6 ދުވަހުގެ ހަނގުރާމައިން ވެސް އަރަބި ދައުލަތްތަކަށް ނާކާމިޔާބީއާ ކުރިމަތިވިއެވެ. އެއާއެކު އިސްރާއީލުން، ވެސްޓް ބޭންކް (ހުޅަނގު އައްސޭރި)، ޣައްޒާގެ އިތުރުން މިޞްރުންގެ ސައިނައި ޕެނުންސްލާ އަދި ސީރިއާގެ ޖޯލަން ހައިޓް، އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ.

އިސްރާއީލުން ފަަލަސްތީނުގެ ބިން ހިފާފައިވާ މިންވަރު ދައްކައިދޭ ޗާޓެއް

މިހިސާބުން ޔޫއެންއިން ރިސޮލޫޝަން 212 ފާސް ކުރިއެވެ. އޭގައި ބަޔާންކޮށްފައި ވަނީ އިސްރާއީލުން ހަނގުރާމައިގައި ހިފި ބިންތައް އަނބުރާ ޤައުމުތަކަށް ދިނުމަށާއި އޭގެ ބަދަލުގައި އެހެން ޤައުމުތަކުން އިސްރާއީލަކީ މިނިވަން ދައުލަތެއް ކަމުގައި ބަލައިގަތުމެވެ. ނަމަވެސް އެ ރިސޮލޫޝަންނަށް އިސްރާއީލުން އިޖާބައެއް ނުދިއެވެ. އޭގެ ފަހުން، 1978 ޔޫއެެސް ބްރޯކާޑް-ކޭންޕް ޑޭވިޑް އެކޯޑްސްގެ ދަށުން މިސްރަށް ސައިނައި ޕެނުންސްލާގެ ބާރުވެރިކަން އިސްރާއީލުން ދިނެވެ.

މިއަދާ ހަމައަށް ވެސް ގުދުސް (ޖެރޫސަލަމް) ގައި ފަލަސްތީނުގެ ހަތިޔާރު އެޅި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. 2005 ވަނަ އަހަރު ، ދެވަނަ އިންތިފާޟާއަށް ފަހު ޣައްޒާއިން އިސްރާއީލްގެ ސިފައިން ވަނީ ފައިބާފައެވެ. ނަމަވެސް ގުދުސްގައި އިސްރާއީލްގެ ސިފައިން އަދިވެސް ހަރަކާތްތެރިވާ އިރު، ފަލަސްތީނުގެ ރައްޔިތުން އެސަރަހައްދުން ބޭރު ކުރުމުގެ ބޭނުމުގައި ޔަހޫދީން ގުދުސްގައި މިއަދު ވެސް ދަނީ ވަޒަންވެރި ކުރުވަމުންނެވެ.

-ނުނިމޭ-

Ads by Allied Insurance
  1. ޢަހަންމާ

    ޢަދިވެސް އިގެން ބޭނުން ތަފްސީލްކޮށް

  2. އަދި ފުރިހަމައެއް ނޫން

    ކޮބާ އޮސްލޯ އެކޯރޑްސްގެ ވާހަކަ އާއި ދެވަނަ އިންތިފާޑާގެ ވާހަކަ.

    • އަޝްްރަފް

      އަދި ނުނިމޭ ދެންއަންނަ ބަޔައް އިންތިޒާރުކޮއްލައްވާ

  3. ޝުކުރިއްޔާ

    ވަރަށް އިގެން ބޭނުންވެފަ ހުރި މައުލޫމާތުތަކެއް