ޤުރްއާންގެ އާޔަތްތައް ބޭނުން ކޮށްގެން އިޒްރޭލުން ފަލަސްތީނަށް މަލާމާތްކޮށްފި
ފަލަސްތީނު މީހުންނަކީ ފީލްބައިގައިގެ މީހުން ކަމަށް ސިފަކޮށް، ޤުރްއާންގެ އާޔަތްތައް ބޭނުން ކޮށްގެން އިޒްރޭލުގެ ނުބައި ޔަހޫދީން ފަލަސްތީނަށް މަލާމާތް ކޮށްފިއެވެ.
"އިޒްރޭލު އަރަބިކް" ނަމަކަށް ކިޔާ ޓްވިޓާ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓެއްގައި ފެންނަނީ އިޒްރޭލުން ޣައްޒާއަށް ބޮން އަޅައި، ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާ މަންޒަރު ދައްކުވައިދޭ ފޮޓޯއެކެވެ. އެ ފޮޓޯއާއެކު އިޒްރޭލުން ވަނީ ސޫރަތުލް ފީލްގެ 1 ވަނަ އާޔަތުން 4 ވަނަ އާޔަތާއި ހަމައަށް ލިޔެފައެވެ.
﴿1﴾ أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ
"އެތުގެ އެކުވެރިންނާމެދު (އެބަހީ: فيل ބާގައިމީހުންނާމެދު (ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަންތައް ކުރެއްވިިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟"
﴿2﴾ أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ
"އެކަލާނގެ އެއުރެންގެ މަކަރާއި حيلة، ގެއްލުމެއްގެ ތެރޭގައި ނުލައްވާތޯއެވެ؟"
﴿3﴾ وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ
"އަދި އެކަލާނގެ އެއުރެންގެ މައްޗަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވިއެވެ."
﴿4﴾ تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ
ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެއުރެންނާ ދިމާޔަށް އުކަތެވެ.
ފަލަސްތީނުގެ ރައްޔިތުން ދަށް ކޮށްލުމުގެ ގޮތުން އިޒްރޭލުން ކޮށްފައިވާ މި ޢަމަލަށް ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް ވެސް ވަނީ ޢަރަބި ބަހުން ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އިޒްރޭލުގެ ނުބައި ޢަމަލުތަކާމެދު ހިސާބު ބެއްލެވޭނެ ދުވަހެއް އަންނާނެ ކަމަށާއި އެދުވަހަކުން ޙައްޤު އަދަބު ލިބޭނެ ކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތައް ދުނިޔޭގެ އެކިކަންކޮޅުތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ. ނަމަވެސް ބޮޑެތި ޤައުމުތައް ކަމުގައިވާ އެމެރިކާއާއި ފްރާންސުން ވަނީ މި ހަމަލާތަކުގައި ޔަހޫދީ އިޒްރޭލުންނާއެކު ވާކަން ހާމަކޮށްފައެވެ.