ޕޮގްބާ ފަލަސްތީނުގެ ދިދަ ހިފައިގެން ، ކޯޗް ޕޮގްބާގެ ދިފާޢުގައި

އިސްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތަކުގައި ކުށެއްނެތް އެތައް ބަޔަކު ޝަހީދު ކުރަމުންދާތީ އެކަމާ ދެކޮޅު ހަދައި ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ހުރިކަން ، މެންޗެސްޓަރ ޔުނައިޓެޑްގެ ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ދައްކައިލައިފިއެވެ.
މިކަން ހާމަ ކުރުމުގެ ގޮތުން ޕޮގްބާ ވަނީ ރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ފަލަސްތީނުގެ ދިދަ އުފުލާލައިފައެވެ. އޭނާއާއެކު އައިވަރީކޯސްޓްގެ އަހުމަދު ޑިއާލޯ ވެސް ހުއްޓެވެ. މި ދެކުޅުންތެރިންނަކީ ވެސް މުސްލިމް ކުޅުންތެރީންނެވެ. އަދި ޕޮގްބާ ވަނީ ޙައްޖާއި އުމްރާގެ އަޅުކަން ވެސް އަދާކޮށްފައެވެ.
މި ކުޅުންތެރީންނަށް އަމާޒުވެދާނެ ފާޑު ކިޔުންތަކަށް ޓަކައި ކޯޗު އޮލޭ ސޯލްޝާ ވަނީ ވާހަކަ ދައްކައިފައެވެ. އޭނާ ބުނެފައި ވަނީ ޓީމު އެކުލެވިފައި ވަނީ އެކި ގައުމުތަކުގެ އެކި އާދަކާދައިގެ ކުޅުންތެރީންގެ މައްޗަށް ކަމަށާއި ކޮންމެ ކުޅުންތެރިއަކަށް ވެސް އެކުޅުންތެރިއެއްގެ ވިސްނުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށެވެ.
ފަލަސްތީނަށް ދޭ ލާއިންސާނީ އަނިޔާތަކާ ގުޅިގެން އެތައް ބަޔަކު ކޮންމެ ދުވަހަކު ދަނީ އަޑުއުފުލަމުންނެވެ. އެކި ދީންތަކަށް ނިސްބަތްވާ ދުނިޔޭގެ ސިޔާސީ ލީޑަރުންނާއި ފަންނާނުންގެ އިތުރުން ކުޅިވަރު ކުޅުންތެރީން ވެސް މި ލިސްޓްގައި ހިމެނެއެވެ.