ހަރުކަށިފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް
ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށް ތުހުމަތުކޮށް ރޭ ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
ހަރުކަށިފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކޮށްފައި ވަނީ، ހއ. މޮޅަދޫއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ އަބްދުﷲ އަލި މަނިކު ނަމަކަށް ކިޔާ ދިވެއްސެކެވެ.
އޭނާ ހައްޔަރު ކުރުމަށް ފުލުހުން ހޯދި ކޯޓު އަމުރުގައި އޭނާގެ މައްޗަށް ކުރެވޭ ގިނަ ތުހުމަތުތަކެއް ވަނީ ބަޔާން ކޮށްފައެވެ. އެގޮތުން ދީނީ ހައްދުފަހަނަ އަޅައިފައިވާ ފިކުރެއް ފެތުރުމަށް މާލޭ ސިޓީ ސަރަހައްދުގައި ވަކި ޖަމާއަތެއް ހަދައިގެން ނަމާދުކޮށް އިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ހިތްވަރުދޭ ކްލާސްތަކެއް ބާއްވާ ކަމަށް ބުނެފައިވެއެވެ.
ހަމައެއާއެކު ދީނީ އެއްބައިވަންތަކަން ނަގައިލަން މަސައްކަތްކޮށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅައިފައިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޖިހާދުގެ ނަމުގައި ރާއްޖެއިން ބޭރުގެ ހިނގާ ދާޚިލީ ހަނގުރާމަތަކަށް ރާއްޖެއިން މީހުން ފޮނުވާ ކަމުގެ ތުހުމަތު ވެސް ހިމެނެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމްގެ ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.
މީނާއަކީ ރައީސް މައުމޫންގެ ދުވަސްވަރުގައި އއ ހިމަންދޫގައި ހިނގި ހަމަނުޖެހުމެއްގައި ބައިވެރިވި މީހެއް ކަން ވެސް ފާހަގަ ކޮށްލެވެއެވެ.