ދުނިޔެ

ހަމަލާތައް ހުއްޓުމަކަށް: ޣައްޒާގެ ޖައްވު ތަކްބީރުގެ އަޑުން ގުގުމާލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މެދުކެނޑުމެއް ނެތި 11 ދުވަސް ވާންދެން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދިޔަ ހަމަލާތައް މިވަގުތުން ފެށިގެން ވަގުތީގޮތުން ހުއްޓައިލައިފިއެވެ. މިއާއެކު ޣައްޒާގެ ގެތަކުން ތަކްބީރުގެ އަޑު ދަނީ އިވެމުންނެވެ. މުޅި ޣައްޒަ ގުގުމާލައިފައި ވަނީ ތަކްބީރުގެ އަޑުންނެވެ.

Ads by Sosun Fihaara

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 232 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. މީގެ ތެރޭގައި 65 ކުޑަކުދިން ވެސް ހިމެނެއެވެ. އަދި މި ހަމަލާތަކުގައި 1،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ހަމާސް ޖަމާޢަތުން ދިން ބަދަލު ހަމަލާތަކުގައި އިސްރާއީލުގެ 12 މީހަކު ވަނީ މަރައިލާފައެވެ. އެޖަމާއަތުން އިސްރާއީލަށް 4،000 އަށް ވުރެ ގިނަ ރޮކެޓް ހަމަލާ ދީފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ވަގުތީ ގޮތުން މިހާރު މެދު ކަނޑައިލާފައިވާއިރު، ޣައްޒާގެ މަގުތަކުގައި ގިނަ ބަޔަކު ދަނީ އުފާ ފާޅު ކުރުމުގައި ހަރަކާތްތެރިވަމުންނެވެ.

ޣައްޒާގެ އެންމެ ފަހުގެ ޚަބަރުތައް "ދެން" އިން ވާނީ ގެނެސްދީފައެވެ. ޚަބަރުތައް ހޯއްދެވުމަށް މި ލިންކަށް ކްލިކްކޮށްލާށެވެ.

މީގެ 11 ދުވަސް ކުރިން ގެއްލުން ބޮޑު ހަނގުރާމައެއް ޙަމާސާއި އިސްރާއީލުން ފަށައިފައިވަނީ ހުޅަނގު އައްސޭރީގެ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަޤްޞާއަށް ޔަހޫދީ ފައުޖުތަކުން ޙަމަލާ ދިނުމަށްފަހު އެތަނުގައި އަޅުކަންކުރަން ތިބި މުސްލިމުންނާ ދެކޮޅަށް ހިންގި ބޮޑެތި ލާއިންސާނީ ޖަރީމާތަކުގައި އެތައް ސަތޭކަ ބަޔަކު ޒަޚަމުވުމުންނެވެ. ޙަމާސުން އިސްރާއީލާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދޭންފެށީ އެ ޖަމާޢަތުން ދިން މުޙްލަތުގެ ތެރޭގައި ޔަހޫދީ ފައުޖުތަކުން ޤުދުސް ހިމެނޭ ސަރަޙައްދުން ފަހަތަަށް ނުޖެހުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!