ފްލައިން ސްކޫލްގެ ޓްރެއިނިންގ ހެޑްގެ ހުއްދަ ސަރުކާރުން ބާތިލް ކުރަން ނިންމައިފި
އައްޑޫ ފްލައިން ސްކޫލްގެ ޓްރެއިނިންގ ހެޑް ސުރަންޖަން ޑި ސިލްވާއަށް ދޫކޮށްފައިވާ ހުއްދަ ސަރުކާރުން ބާތިލް ކުރަން ނިންމައިފިއެވެ.
ދަރިވަރުންގެ އެތައް ކަންބޮޑުވުންތަކެއް ހުރި އައްޑޫ ފްލައިން ސުކޫލުގެ ޓްރެއިނިންގ ހެޑްގެ ހުއްދަ ބާތިލްކޮށް މިރޭ ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
މިރޭ ނެރުނު ނޫސްބަޔާނުގައި މިނިސްޓްރީން ވިދާޅުވީ ސުރަންޖަން އެ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މާދަމާއިން ފެށިގެން އަތުލުމަށް ނިންމާފައިވާ ކަމަށާއި ފްލައިން ސްކޫލްގެ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ، ސްކޫލްގެ އެކައުންޓަބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީ އެ މަގާމުގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަ ވެސް އަތުލާނެ ކަމުގެ އެންމެ ފަހުގެ އިންޒާރު ސިވިލް އޭވިއޭޝަން އޮތިރީޓީން ލިޔުމުން ދީފައިވާ ކަމަށެވެ.
ފްލައިން ސުކޫލުގެ މައްސަލަ ބޮޑުވެ ދަރިވަރުންނާއި ބެލެނިވެރިންގެ ޝަކުވާ އިތުރުވުމުގެ ސަބަބުން، އެ ސުކޫލުގެ އިސް މަގާމުތަކުގައި ތިއްބެވި އެ ދެބޭފުޅުންނާ މެދު ފިޔަވަޅު އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ މިމަހު 11 ވަނަ ދުވަހު އަންގަވައިފައެވެ.
އެ ސްކޫލްގެ މި ދެބޭފުޅުނަށް ފިޔަވަޅު އަަޅަން ނިންމީ، އެ ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށާއި ކޯސް ފުރިހަމަ ކުރުމަށް ބުރޫ އަރާފައިވާ ދަރިވަަރުންގެ ކޯސްތައް އެދެވޭ ގޮތެއްގައި ކުުރިއަށް ގެންދިޔުމަށް ފްލައިން ސްކޫލްގެ މެނޭޖްމަންޓުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާކުރަމުން ނުދާތީ، ސިވިލް އޭވިއޭޝަނުން އެ މައްސަލަ ބެލުމަށް ފަހު ކަމަށް މިރޭ ނެރުނު ބަޔާނުގައި މިނިސްޓްރީން ވިދާޅުވެފައިވެއެވެ.