މެދުއިރުމަތި ދުނިޔެ

ހަމަލާތައް ހުއްޓައިލި ނަމަވެސް ޝައިޚް ޖައްރާޙުގައި އަނެއްކާ ވެސް ކުރިމަތިލުންތަކެއް ހިންގައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިރުމަތީ ޤުދުސްގެ ޝައިޚް ޖައްރާޙުގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގައިފިއެވެ.

Ads by Sosun Fihaara

އިސްރާއީލާއި ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާޢަތާ ދެމެދު ހަމަލާ ބަދަލު ކުރުންތައް ހުއްޓާލަން އެއްބަސްވެފައި ވަނީ، އިރުމަތީ ޤުދުސްގައި ޔަހޫދީން އެއްވެސް ޖަރީމާއެއް ނުހިންގުމަށް ޝަރުތުކޮށްފައެވެ. ނަމަވެސް އިސްރާއީލުން އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަމުން ނުދާކަން ފާހަގަކޮށްލެއެވެ. މިގޮތުން މިދިޔަ ހުކުރު ދުވަހު ވެސް އިސްރާއީލުގެ ސިފައިން ވަނީ މަސްޖިދުލް އަޤްޞާ ތެރެއަށް ވަދެގަނެ އެތަނުގައި މަޑުކޮށްގެން ތިބި ބަޔަކު އެތަނުން ނެރުމަށް ބާރުގެ ބޭނުންކޮށްފައެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންވަނީ ޝައިޚް ޖައްރާޙަށް އެއްވެސް މީހަކަށް ނުވަދެވޭނެ ގޮތަށް އެ ސަރަޙައްދު ބަންދުކޮށްފައެވެ. މިކަމާ ގުޅިގެން އެސަރަހައްދުގައި ފަލަސްތީނުގެ ބަޔަކު ދަނީ މިކަމާ ދެކޮޅު ހެދުމުގެ ގޮތުން މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އިސްރާއިލުގެ ސިފައިން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. މިގޮތުން ރަބަރު އުންޑައާއި ކަރުނަ ގޭހާއި ސްޓަން ގުރެނޭޑު މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެ ބޭނުން ކުރަމުންދެއެވެ. މި ހަމަލާތަކުގައި އިއްޔެ ވެސް ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ޝައިޚް ޖައްރާޙަކީ ގިނަ ޢަދަދެއްގެ ފަލަސްޠީނު ރައްޔިތުން ޒަމާނުއްސުރެ ދިރިއުޅެމުންދާ ސަރަޙައްދެކެވެ ނަބްކާއަށް ފަހު އެސަރަހައްދުގައި ފަލަސްތީނުގެ އެކި ހިސާބުތަކުން ގަދަކަމުން ނެރެލި މީހުން ވެސް ވަޒަންވެރިވިއެވެ. އިސްރާއީލުން އަނެއްކާވެސް ޝައިޚް ޖައްރާޙްގައި ދިރިއުޅެމުން އަންނަ މީހުން އެއަވަށުން ނެރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މެއި މަހުގެ 10ވަނަ ދުވަހު ޙަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު ހިނގި ބޮޑު ހަނގުރާމަ ފަށަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ވެސް މިކަން ހިމެނެއެވެ.

ޝައިޚް ޖައްރާޙްއިން ގަދަކަމުން މީހުން ނެރޭ މައްސަލައިގެ އަޑު އެހުމެއް އިސްރާއީލުގެ ކޯޓްގައި އެބައޮތެވެ. މިމައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. މައްސަލަ ބަލަނީ އިސްރާއީލުގެ ކޯޓުންކަމަށް ވާތީ، ހުކުމުން އިންސާފު ލިބުން ނާދިރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!