ޝަރީޢަތް ނިމެންދެން ގައްދޫ ކައުންސިލު ރައީސް ބަންދުގައި ބަހައްޓަން އަމުރުކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު (އެމްޑީ) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިން ވެސް އަމުރުކޮށްފައި ވަނިކޮށް މި މަހުގެ ތިންވަނަ ދުވަހު، ގައްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ މިނިވަންކޮށްފައެވެ. ނަމަވެސް ދަށު ކޯޓުގެ އެ ހުކުމް ހައިކޯޓުގައި ފަހުން ވަނީ އިސްތިއުނާފު ކޮށްފައެވެ.
މި މަހުގެ ހަވަނަ ދުވަހު އިސްތިއުނާފަށް ހުށަހެޅި މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ހައިކޯޓުން ވަނީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލްކޮށްފައެވެ. އެހެންކަމުން އޭނާ އަނެއްކާ ވެސް ބަންދަށް ގެންދެވޭނެއެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން ބުނެފައި ވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދައުވާ ލިބޭ މީހަކު އިންތިޚާބެއްގައި ވާދަކޮށް ކާމިޔާބުވުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއް ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ.
ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ މުހައްމަދު އަހްމަދުގެ މައްޗަށް އުފުލީ މީގެ ކުރިން 2015 ވަނަ އަހަރު އޭނާ ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ކުޑަކުއްޖަކާއެކު ޖިންްސީ އަމަލެއް ހިންގުމުގެ ތުހުމަތުގައެވެ. އަދި، މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް އުފުލާފައިވެއެވެ.