ރިޕޯޓް

ކޮވިޑްބަލީގައި މަރުވާ މީހުންގެ ޖަނާޒާ: ހިތްދަތި ވަކިވުމެއް ، އަސަރު ގަދަ ވަދާޢެއް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިކްރާމްގެ މަންމާފުޅު މިރޭ ފަސްދާނުލަނީ

ހުޅުމާލޭ ސަހަރާއަށް ވަންނަން ދިޔައިރު ލޯ އަމާޒުވީ ރީއްޗަށް އަތުރައި ، ބަހައްޓާފައި ހުރި ސަންދޯއްތަކަކަށެވެ. މިސްކިތް ހުރަސްކޮށް ސަހަރާއަށް ވަންއިރު ބިދޭސީންތަކެއް ވަޅު ކޮންނަން ތިއްބެވެ. ހަތަރު ވަޅެއް ކޮންނާތީ މިއަދު ނިޔާވި ބަޔަކު އަދި ނުގެންނަނީއޭ ހިތަށް އަރައި އެކަމާ ސުވާލު ކޮށްލީމެވެ. ނޫނެކެވެ. ކަންވަނީކީ ހީކުރި ގޮތަކަށް ނޫނެވެ. މީހުން ނިޔާވާ އަދަދު ގިނަވުމާ އެކު ކުރިއާލައި ވަޅު ކޮންނަނީއެވެ. އެ ތަނަށް ގެންނާން ތިބި މީހުންނަށް އަލްވަދާޢު ކިޔާން ތައްޔާރު ވަނީއެވެ.

Ads by MWSC

ކޮވިޑްގެ ބަލިމަޑުކަމުގައި މުޅި ގައުމު ތަދުމަޑުކަމަކަށް ހިނގައްޖެއެވެ. މި ބަލީގެ ވޭން ކޮންމެ ވެސް އެއްގޮތަކުން ނާޅާ މީހަކު މިއަދަކު ނެތެވެ. ކާރާއި ޕިކަޕް ދުއްވައިގެން އަނބިދަރީންނާއި ގޭގެ ޚަރަދުބަރަދު ބަލަހައްޓަމުން ދިޔަ އާއިލާތައް ތިބީ މަސައްކަތް ހުއްޓައިލައިގެން ގެއަށް ވަދެއެވެ. މަސްވެރީންނާއި ދަނޑުވެރީން ތިބީ ރަށު ބަންދުގައި ގޭގޭގައެވެ. މީގެ އިތުރުން މި ބަލީގެ ވޭން ސީދާ ގޮތެއްގައި އުފުލާ މީހުންގެ ލިސްޓަށް ކޮންމެ ދުވަހަކު ހާހުން ދެހާހުން މީހުން އެބަ އިތުރުވެއެވެ.

މަރުވާމީހުންގެ އަދަދު ގިނަވުމާއެކު ސަންދޯއްތައް ގެނެސްފައި

މި ހުރިހާ ކަމަކަށްވުރެ ހިތްދަތިވެ ހިތް ކުދިކުދިވާ ކަމަކީ މި ބަލީގައި ކޮންމެ ދުވަހަކު އެތައް ބަޔަކު މަރުވެދިޔުމެވެ.

ޖަނާޒާގެ ކަންކަން އަވަހަށް ނިންމުމަށް ވަޅުތައް ވެސް ކުރިއާލައި ކޮންނަމުންދަނީ

ކޮވިޑް ޖެހި ކަރަންޓީނު ފެސިލިޓީއަކަށް ނުވަތަ ހޮސްޕިޓަލްގެ އައިސީޔޫއަކަށް ލުމުން އާއިލާއާ އަލްވަދާޢު ކިޔާން ޖެހުނީއެވެ. ގެއިން ނިކުމެގެން ، އާއިލާގެ ލޮބުވެތި މެމްބަރުންނާ ވަކިވެދަނީ އަލުން ބައްދަލުވުމުގެ އުއްމީދާއެކީގައެވެ. ނަމަވެސް އޭގެ ފަހުން ދުނިޔޭގައި އޮތަސް ނެތް ފަދައެވެ. ޚާއްޞަ ޙާލަތެއްގައި ނޫނީ ބަލިމީހާއާ އެއްވެސް މީހަކަށް ބައްދަލެއް ނުވެއެވެ. ލޯބިވާ މަންމަ، ބައްޕަ ނުވަތަ އަނބިމީހާ ނޫނީ ފިރިމީހާ ލޮލަށް ނުފެނި އޭނާގެ އަޑެއް ނީވީ އެތައް ދުވަހެއް ފާއިތުވާ ފަހުން ދެން އާއިލާއަށް ލިބެނީ އެންމެ ހިތްދަތިވާ ޚަބަރެވެ. ފެސިލިޓީގެ ނަމްބަރުން ގުޅައިލުމުން ފޯން ނަގަނީ ލޯބިވާ މަންމަގެ ބަލި ޙާލަތު ރަނގަޅުކަމަށް ބުނާ އަޑު އަހައިލުމުގެ އުއްމީދުގައެވެ. ނަމަވެސް އިވެނީ މީހަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ ހިތްދަތި ޚަބަރެވެ. މަންމަގެ ހިތް ހުއްޓިއްޖެއެވެ. ބައްޕަ ނިޔާވެއްޖެއެވެ. މީގެ ދުވަސްކޮޅެއް ކުރީން ގޭތެރޭގައި އެކީ ކައިބޮއެ ހީ ސަމާސާކޮށް އުޅުނު މަންމަ ، ލޮލަށް ނުފެނި ދުވަސްތަކެއްވުމަށް ފަހު ވަކިވެ ދިޔައީއެވެ.

އެ ޚަބަރު ލިބުމާއެކު އާއިލާތައް ދުއްވައިގަންނަނީ ސަހަރާއަށެވެ. ސަހަރާގައި އެތައް އިރެއް ވާންދެން އެ ތިބެނީ ލޮލަށް ނުފެނި އެތައް ދުވަސްތަކެއްވީ މަންމަ ނޫނީ ބައްޕަގެ ފުރާނަ ނެތް ހަށިގަނޑު ދެކިލާށެވެ. އެތައް ގަޑިއިރެއްގެ އިންތިޒާރަކަށް ފަހު އެމްބިއުލޭންސްގައި މައްޔިތާ ގެންނައިރު ، މަރުތައް އިތުރުވެ ލޯބިވާ މާމަ ނޫނީ ކާފަ ދެކިލުމަށް އައިސް ތިބޭ އާއިލާތައް ވަނީ ގިނަވެފައެވެ. އެ ގެނައީ ، މަގޭ މަންމަ ނޫނީ މަގޭ ބައްޕަކަން ޔަގީން ނުވެއެވެ.

ބޮޑީބޭގުގައި މައްޔިތާ ގެނައުމުން އާއިލާތަކުން ބަލަހައްޓައިގެން

ރީނދޫ ކުލައިގެ ބޭގުގައި އޮތް މައްޔިތާ އެމްބިއުލޭންސުން ބޭލުމުން އެއީ މަގޭ މަންމަކަމެއް ނޫނީ އަނެކާގެ ބައްޕަކަން ނޭނގި އާއިލާތަކަށް ހިމޭންކަން ގެނުވައެވެ. މަގޭ މަންމަ ނުފެނި އެތައް ދުވަހެއްވީ ފަހުން ، ފުރާނަ ނެތް މަސްގަނޑު ފެނުމާއެކު ބޭއިޚްތިޔާރުގައި ލޯތަކުން ކަރުނަ ފައިބައިގަނެއެވެ. ބައެއް މީހުން އަޑުން އަޑު ނަގައި ރޮއެއެވެ. އެ ހިތްދަތިކަމުގައި ތިއްބާ ޖަމާޢަތްތެރީން ބޭގް ހުޅުވައިލައި މައްޔިތާ ތަޔައްމަމް ކުރެއެވެ. ފަނަރަވަރަކަށް މިނެޓް ފަހުން މޫނު ބަލާން އާއިލާއަށް ފުރުސަތުދެއެވެ. ރަށުން ބޭރުގައި ހުރި ދަރިފުޅަށް މަންމަގެ މޫނު ދެކިލާނެ ފުރުސަތު ވެސް ނުލިބިއެވެ.

ހަމަހިމޭންކަމާއި ގިސްލުމު އެކުގައި ހޭދަވާ ގަޑިއެއްހައި އިރަށް ފަހު ކަށު ނަމާދު ކުރެވެނީ މިސްކިތުން ބޭރުގައެވެ. ޖަމާޢަތްތެރީން އިސްވެ ތިބެ ކުރާ ކަށު ނަމާދުގެ މަދުމިނެޓްކޮޅަށް ފަހު އަވަހަށް ، މައްޔިތާ ގެންގޮސް ވަޅުލައެވެ. ވަޅުލައި ފަސްއަޅައި ދުޢާ ކުރުމަށް ފަހު ޖަމާޢަތްތެރީން އަވަހަށް އެނބުރިގަންނަނީ މިހާރު ގެނެވިފައި އެ ވާ ދެ މައްޔިތުންގެ ކަންކަމަށެވެ.

މިއީ މިހާރު ކޮންމެ ދުވަހަކު ހުޅުމާލޭ ސަހަރާއިން ފެންނަ މަންޒަރެވެ.

ކަށުނަމާދުގައި: އިސްވެތިއްބަވަނީ ޖަމާޢަތްތެރީން

ލޯބިވާ މީހުން ދުނިޔެއިން ވަކިވެދިޔުމަކީ އާއިލާތަކަށް އަބަދުވެސް ހިތްދަތިކަން ގެނުވާ ކަމެކެވެ. އެ ހިތްދަތިކަމުގައި އެންމެ ފުން ހިތާމައެއް ދޭ ކަމަކީ ޖަނާޒާގެ ކަންކަމުގައި ހޭދަވާ ވަގުތެވެ. ލޯބިވާ މަންމަ ނޫނީ މާމައަށް ކޮވިޑް ޖެހި ގެއިން ނިކުތުމާ އެކު ގިނަ އާއިލާގެ ލޯމައްޗަށް ލޯބިވާ މަންމަ ނުވަތަ މާމަ މިއަދު އެ"ނިޔާވީ"އެވެ. އޭގެ ދުވަސްތަކެއް ފަހުން ކުއްލިއަކަށް މަންމަގެ ފުރާނަ ނެތް މަސްގަނޑު ގެނެވި ، ޖަނާޒާގެ ކަންކަން ތަފާތުވެ އަވަސްވުމުން އެ ވަގުތުތައް ދެނީ ހަމައެކަނި ފުންހިތާމައެއް ނޫނެވެ. ލިބުނު ކުއްލި ޚަބަރަށް ފަހު މަންމަގެ ފުރާނަ ނެތް މަސްގަނޑު އާއިލާގެ ގާތަށް ޙާޟިރުކޮށް އަދި ކުރިމަތީން އެ ހަށިގަނޑު ގެއްލުނު އަވަސްކަން ފެނި އެތައް ބަޔަކު އެ ތިބީ ކުއްލި ސިހުމެއްގައެވެ. ހިނގައިދާ ކަންކަން ޤަބޫލު ނުކުރެވި ހާސްވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!