ޚަބަރު

ރަޝިއާގެ "ސްޕަޓްނިކް ވީ" ވެކްސިން ވީހާ ވެސް އަވަހަކަށް ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން (އެމްއެފްޑީއޭ) އިން މި މަހުގެ 12 ވަނަ ދުވަަހު ހުއްދަ ދީފައިވާ "ސްޕަޓްނިކް ވީ" ވެކްސިން ވީހާ ވެސް އަވަހަކަށް ރާއްޖެ އަށް ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފް ރޭ ދެއްވައިފިއެވެ.

Ads by STELCO

ކޮވިޑް-19 އިން ދިފާއުވުމަށް ރަޝިއާ އިން އުފައްދާފައިވާ "ސްޕަޓްނިކް ވީ" ވެކްސިން ވީހާ ވެސް އަވަހަކަށް ރާއްޖެ އަށް ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރަޝިއާގެ ހާރިޖީ ވަޒީރު ލަވްރޯފް ސަރްގޭ ދެއްވީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާ ދެ ބޭފުޅުން ފޯނުން ގުޅުއްވައި، ކޮވިޑްގެ ހާލަތާ ގުޅިގެން ކުރެއްވި މަޝްވަރާ ތަކުގައެވެ.

ސްޕަޓްނިކް ވީ ވެކްސިން ބަލަހައްޓަން ޖެހެނީ މައިނަސް 18 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައެވެ.  އެމްއެފްޑީއޭއިން މި ވެކްސިނަށް ހުއްދީފައި ވަނީ ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށް ފަހު، އަދި ހިފައި ގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްގެންނެވެ.

ރާއްޖޭގައި ކޮވިޑް 19 އިން ރައްކާތެރިވުމަށް ޓަކައި ފޯރިޔާއެކު ވެކްސިން ދިނުމުގެ ކެމްޕެއިންތައް ދަނީ ކުރިއަށް ގެންދަމުންނެވެ. ރާއްޖޭގައި މިވަގުތު ލިބެން ހުރީ ޗައިނާގެ ސިނޮޕާމް ވެކްސިނާއި އިންޑިޔާގެ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ފައިޒަރ ވެކްސިނެވެ. މީގެ ތެރެއިން ކޮވިޝީލްޑް ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުން އެ ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހި ގިނަ ރައްޔިތުން ތަކެއް އެބަތިއްބެވެ.

އިމަޖެންސީގައި ބޭނުންކުރުމަށް 66 ގައުމަކުން މިހާރު ވެސް ވަނީ ސްޕަޓްނިކް ވީއަށް ހުއްދަ ދީފައެވެ. ރާއްޖެއިން ވެސް ހުއްދަ ދީފައި ވަނީ އިމަޖެންސީގައި ބޭނުން ކުރުމަށެވެ. މި ވެކްސިން ހުއްދަ ކޮށްފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!